ވެރިކަމާއި ހަވާލިވެ ވަޑައިިގެންނެވުމަށްފަހުވެސް ނުހައްގުން އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށް، ސިިޔާސީ ގޮތުން ގޮތުން ޚިޔާލް ތަފާތުވެގެން ތަރައްޤީގައި އެއްފަރާތްކުރާނެ އެއްވެސް ރަށެއް ނޯންނާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށް ހުއްޓުމެއްނެތި މުއިއިއްޒު މިދިޔަ ތިން ދުވަހުގައި ހއ. ހދ. އަދި ށ. އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގެން ވަނީ ކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މިރަށްތަކުން މުއިއްޒަށް ވަނީ ފުރަތަމަ ބުރުގައި ލިބުނު ނަތީޖާއަށްވުރެ ބޮޑު ނަތީޖާއެއް ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިސަރުކާރުން އެކި ޖަލްސާތަކުގައި މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒިފުން ވަކި ކުރާނެކަމާއި، ބައެއް ކުންފުނިތައް އުވާލާނެ ކަމަށްބުނެ މިސަރުކާރުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ކޮންމެ ރަށަކަށް ވަޑައިގެންވެސް މުއިއްޒު ދެއްވާ އެންމެ ބޮޑު ޔަގީންކަމަކީ ސިޔާސީ ނޫން ވަޒީފާތަކުގައި ތިބި އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކިކޮށް އެމީހުންނާއިމެދު ދެރަގޮތެއް ނަހަދާނެ ކަމުގެ ޔަގީންކަމެވެ.
އަދި ބައެއް ކުންފުނިތައް އުވާލާނެކަމަށް ބުނެ ދައްކަމުންދާ ވާހަތަކަށްވެސް މުއިއްޒު ގެންދަވަނީ ޖަވާބު ދެއްވަމުންނެވެ. މުއިއްޒު ވިދާޅުވެފައިވަނީ ކުންފުނިތައް އުވަލައި ވަޒީފާތަކުގައި ތިބި މުވައްޒިފުން ވަޒީފާތަކުން ވަކިކޮށް ހެދުމަކީ ކުރައްވާނެ ކަމެއް ނޫންކަމަށެވެ. އެއްވެސް ވަޒީފާއެއްގައި ހުރި މުވައްޒިފަކު އިދިކޮޅު ކެމްޕޭނަށް ނިކުމެ ކުރައްވާ މަސައްކަތުން ވަޒީފާއިން ވަކިކޮށް ދެރަގޮތެއް ހަދައިފިނަމަ އެމީހަކަށް އެވަޒީފާ ނޫނީ އެއަށްވުރެ ރަނގަޅު ވަޒީފާއެއް ހަމަޖައްސާ ދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.
މިއަދު ށ. ޅައިމަގަށް ވަޑައިގެންވެސް މުއިއްޒު ވަނީ އެޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. މުއިއްޒު ވިދާޅުވީ ޅައިމަގުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން އެއްވެސް ހުއްޓުމެއް ނެތި ކުރައްވާނެ ކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރަންހުރި މަަސައްކަތްތައް ސާފު ކަމަށާއި، އެމަސައްކަތްތައް އެއްވެސް ހުއްޓުމެއްނެތި ކުރިއަށް ދާނެކަމަށެވެ.
ހަމަމިއާއެކު ސައުކާރަކުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޯށްދޭއިރު، އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތެއް ތަފާތު ކުރުމެއް ނޯންނާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއީ އާބާދީ މަދު ރަށަކަށް ވިޔަސް، އަދިި ފިކުރުގެ ގޮތުން ޚިޔާލް ތަފާތު ރައްޔިތުން އުޅޭ ރަށަކަށް ވިޔަސް، ޚިދުމަތް ދިނުމުގައި ކުރާނެ އެއްވެސް ތަފާތެއް ނޯންނާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ތަރައްޤީގައި އެއްހަމަވާނެ ރައްޔިތުން ތަކެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ކަމްޕޭން ހަރަކާތްތައް އެއްވެސް މަޑު ޖެހުމެއްނެތި ކުރިއަށްދާއިރު، މިއަދާއި މިރޭވެސް ގިނަ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ކުރިއަށްދާނެއެވެ. މާލޭގައި ޑޯޓުޑޯ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، ރަނިންމޭޓް ސެމްބެ ގެންދަވަނީ އައްޑޫ ސިޓީގައި ކެމްޕޭނެ ހަރަކާތްތައް ހިންގަވަމުންނެވެ. އަދި ލީޑަރޝިޕްގެ ގިނަ ބޭފުޅުން އެކި ޓީމުތަކަށް ބަހާލައިގެން މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގެންދަނީ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
One Response
އެކަމު އެހެނެއް ނުވާނެދޯ.. މިހާރުގެ ރައީސްޖެހޭނެ ވަޒީފާއިން ވަކި ކުރަން، މިނިސްޓަރުންތަކާއި ސިޔާސީ ހުރިހާ މީހުންވެސް ވަކިކުރާނެތާދޯ