ށ. ބިލެއްފަހީ އެއާޕޯޓްގެ ހަގީގަތަކަށް ހައްދަވާ ދެއްވައި، ފަޅު ތެރޭގައި އިޤްތިޞާދީ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ށ. ބިލެއްފައްސަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބް ކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައްޔިިތުންނަށް ހުށަހެޅުއްވި މެނިފެސްޓޯގައި ރާއްޖޭގެ 7 ސަރަހައްދެއްހައި ޑިވެލޮޕްމަންޓް ޒޯންތަކެއް ކަނޑައަޅާފައިވާކަމަށެވެ. މިގޮތުން އެންމެ އުތުރު ހއ، ހދ، ށ ހިމެނޭގޮތަށް ރީޖަނެއް ގޮތަށް ނޮދާން ޑިވެލޮޕްމެންޓް ޒޯންގެ މައި އެއް ރަށަކީ ބިލެއްފަހި ކަމަށާއި، ބިލެއްފަހީގައި މިސަރުކާރަށް ނޭޅިގެން އުޅޭ އެއާޕޯޓް ނިންމައި، ފަޅު ތެރޭގައި އިޤްތިޞާދީ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާނެ ކަމަށެވެ.
މިސަރުކާރުން އެއާޕޯޓް އަޅާދޭނެކަމަށް ބުނެ ހައިމާކެއް ގެނެސް ދައްކަނީ ކުލަވަރުކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެމަސައްކަތް ކުރާނީ އެގޮތަށް ނޫންކަމަށާއި، ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ ގޮތް ހަދާ ދޭނެކަމަށެވެ. ހަމަ މިއާއިއެކު ބިލެއްފަހީގައި މިހާރު ފަށާފައިވާ މަޝްރޫޢުގެ މަސައްކަތްތަކާއި، އެނޫންވެސް ކަންކަން އެއްވެސް ހުއްޓުމެއްނެތި ކޮށް ނިންމާ ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބިލެއްފައްސަށް ހުށަހެޅި ބައެއް ކަންކަން:
– ސިއްޚީ ނިޒާމު ރަނގަޅު ކުރާނަން
– ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ޤާއިމް ކުރާނަން
– މިސްކިތެއް ޤާއިމް ކޮށްދޭނަން
– ފަޅު ތެރޭގައި އިޤްތިޞާދީ ބޮޑު މަޝްރޫއެއް ހިންގަ ދޭނަން
ބިލެއްފަހީގެ ރައްޔިތުންނަށްވެސް މުއިއްޒުވަނީ އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މުއިއްޒުވަނީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީއަށް ތާއީދުކުރާ މުވައްޒިފުން ނިކުމެ ކެމްޕޭން ކުރައްވަންވީ ކަމަށާއި، ވަޒީފާއިން ކަނޑާލައިފިނަމަ އަލުން ވަޒީފާ އިޔާދަ ކޮށްދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުވަނީ ހުރިހާ ރައްޔިތުންވެސް ރީ-ރަޖިސްޓްރޭޝަނަށް ހާއްސަ ސަމާލުކަން ދެއްވާފައެވެ. ސަރުކާރުގެ މަޤުސަދަކީ އިންތިޚާބު އޮޅުވާލުން ކަމަށާއި، ރައްޔިތުން މިކަމަށް ސަމާލުވުމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިކަމަށް އެއްވެސް ވަރަކަށް ފަރުވާ ކުޑަނުކޮށް ކޮންމެ ބޭފުޅަކުވެސް ކޮންމެ ދުވަހަކު ތިން ފަހަރު 4 ފަހަރު ވޯޓުލާތަން ޗެކް ކުރެއްވުމަށް މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.