ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް ގެދޮރުގެ ޔަގީންކަން ދެއްވާނީ އެ ރަށެއްގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ހދ. ކުރިނބި އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މުޅި ގައުމުގެ ހައުސިން ސިޔާސަތު އިއުލާންކޮށްފައިވާ އިރު، އެ ސިޔާސަތުގައި އޮންނާނީ އެންމެންނަށް ހަމަހަމަކަމާ އެކީގައި އެކަން ކޮށްދޭ ވާހަކަ ކަމަށެވެ. ރޯ ހައުސް ނުވަތަ ފްލެޓަކީ އެ ރަށެއްގައި ބިމުގެ ޖާގަ ނެތިއްޔާ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"މިސާލަކަށް ރަށުގެ ޖާގަ ނެތް ކަމަށްވާ ނަމަ، ބަރިއަކަށް ރޯހައުސް ހެދިދާނެ. ނޫނީ ފްލެޓު ވެސް އެޅިދާނެ. ޖާގަ އެކަށީގެންވާ ވަރަށް އޮތިއްޔާ ވަކިވަކި އިންޑިވިޖުއަލް ގޯތީގައި އަޅުގަނޑުމެން ތައާރަފް ކުރަން ހުށަހަޅާ %5 އަށް ވުރެ ކުޑަ އަމިއްލަ އަށް ވެސް ފޯރުންތެރިކަމާ އެކީގައި ނެގޭ ކަހަލަ ލޯންތައް ނަގައިގެން ރަހުނު ވެސް ބަހައްޓާކަށް ނުޖެހޭނެ. އިސްލާމިކް ކޮންސެޕްޓްގެ ލޯނެއް. އެ ލޯންތައް ނަގައިގެން އަމިއްލަ އަށް ގެދޮރު އިމާރާތް ކުރެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކޮންޓްރެކްޓަށް ފައިސާ ދޭ އުސޫލުން ކަންކަން ކުރީމަ، ޔަގީންކަމާ އެކީގައި ގެދޮރު އެޅޭނެ ކަމަށެވެ.
ބައެއް މީހުން ގެދޮރު އަޅަން ފަށާފައި ހުއްޓިފައި ހުރީމަ، އެފަދަ ގޯތިތައް ނިންމަން ލޯނެއް ތައާރަފް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ޖާގަ ހުރެއްޖެ ނަމަ، އެންމެ ރަނގަޅު ވާނީ ތަނަވަސް ގޮތެއްގައި ގޯތި ބިނާވެގެން ދިއުމަށެވެ.
މުއިއްޒުގެ ވާހަކައިގައި ވަނީ ކުރިނބީ ރައްޔިތުންނަށް ބޭނުންވާ ގެދޮރުގެ ޔަގީންކަން ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ