ދޮގު ޚަބަރު ފެތުރުމާއި، ދޮގު ވާހަކަ ފެތުރުމަކީ މީހުން މެރުމަށް ވުރެވެސް ނުބައިކަން ބޮޑު ކަމެެއްކަމުގައި މިއަދުގެ ހުކުރު ޚުތުބާގަިއ ބުނެފިއެވެ.
ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމަށް ހުކުރު ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. އަދި މާތް ރަސްކަލާނގެ މުސްލިމުންނަށް އަމުރު ކުރައްވާފައި ވަނީ ތެދު ބަސްބުނުމަށްކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ އިސްލާމް ދީނުގައި ދޮގުހެދުން ޙަރާމްކުރައްވާފައިވާއިރު އެކަމުގެ ނުބައިކަމުގެ މައްޗަށް ހުކުރު ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ.
އެގޮތުން ހައްޤުގެ މަގަށް މަގުދައްކާ އިސްލާހުކުރުމަށް މަސައްކަތް ކުރާ ހެޔޮލަފާ މީހުން މެދުވެރިކުރައްވާ، ބާތިލު އަހުލުވެރިންގެ މައްޗަށް ހުރަސް އަޅުއްވާނެ ކަަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ފަސާދައިގެ އަހުލުވެރިންނާއި ދެކޮޅު ހަދާނެ ބަޔަކު ނެތް ނަމަ އެ މީހުންގެ ނުބައިކަން ދުނިޔެ އަށް އާއްމުވެގެން ހިނގައިދާނެ ކަމަށާއި މީސްތަކުންގެ މަސްލަހަތު ގެއްލިދާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައި ކަމާއި އޭގައި ހިމެނޭ ބިރުވެރިކަމުގެ ބޮޑުކަމުން މާތް ރަސްކަލާންގެ ވަނީ ދޮގު ހެދުން ހަރާމް ކުރައްވައިފަ އެވެ. މާތް ރަސްކަލާންގެ ވަނީ ދޫ ރައްކާތެރި ކުރުމަށް އަމުރު ކުރައްވައިފަ އެވެ. ސާބިތު ނުހިފޭ ޔޯލަ ވާހަކަ ދެއްކުން ވަނީ ހަރާމް ކުރައްވައިފައެވެ.
– ހުތުބާގައި ވިދާޅުވެފައި ވެއެވެ.
މުޖުތަމައު ފަސާދަކޮށް ރަނގަޅު މަގަށް ހުރަސް އެޅުމަށް މަސައްކަތް ކުރާ މީހުން ދޮގާއި ދޮގު ޚަބަރު ފަތުރާކަން ފާހަގަކޮށް ޚުތުބާގައި ބުނެފައި ވަނީ ރަސޫލު ބޭކަލުންނާ ދެކޮޅުވެރިވި މީހުންގެ އަމަލުތަކުން އެކަން ހާމަވާ ކަމަށެވެ. އަދި އެ ބޭކަލުންނަކީ ދޮގުވެރިންނޭ، ކިބުރުވެރިންނޭ، ބިން ފަސާދަކުރާ މީހުންނޭ ބުނެ، އެފަދަ ދޮގު ވާހަކަތަކުގެ ބޭނުމަކީ ހައްޤު މަގުން މީސްތަކުން އެއް ކިބާކުރުން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. މުޖުތަމައުގައި ފެތުރޭ ވާހަކަތަކުގެ ތެދު ދޮގު ނުބަލާ އެ ވާހަކަތައް ޤަބޫލުކުރުމަކީ ފަރުދުންނަށާއި ޖަމާއަތަށް ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާ ކަމެއްކަމަށް ވެސް ޚުތުބާގައިވެއެވެ.
ދޮގު ޚަބަރު ފެތުރުމަކީ ހައްޤު އޮޅުވާލުން ކަމާއި މީސްތަކުން ހަމަހަމަ މަގުން އެކަމުގެ ސަބަބުން އެއްކިބާވެގެންދާކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަވެރިކަން އުފެދޭ ކަަމަށް ވަނީ ބުނެފައެވެ. ހުތުބާގައި ވިދާޅުވީ މުޖުތަމައުގައި ފެތުރޭ ވާހަކަތަަކުގެ ހަގީގަތް ނުބަލައި އެ ވާހަކަތައް ގަބޫލު ކުރުމަކީ ފަރުދުންނާއި ޖަމާއަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ.