މިސަރުކާރުގެ ޢަމަލުތަކާއި، ކަންކަން ކުރިގޮތުން ރާއްޖޭގެ މިނިވަންކަމަށް އޮތީ ލޮޅުން އަރާފައި ކަމަށާއި، މިއީ މިނިވަންކަން ދިފާއުކުރުމަށް ލިބޭ ފަހު ފުރުސަތަށް ވެދާނެކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރިިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް ބައިއަތު ހިފާފައިވާ އެމްއެންޕީން ގެންދަނީ މުއިއްޒުގެ ކެމްޕޭންގައި އަތޮޅު ތެރޭގެ ރަށްތަކަށް ކުރަމުންދާ ދަތުރު ތަކުގައި ބައިވެރި ވަމުންނެވެ. އެގޮތުން މިރޭ މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ސިފައިން ގޭގައި އެތައް އަހަރުތަކެއް ވަންދެން މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން ޤައުމުގެ ސަލާމަތީ ކަންކަން މިއަދު ދާގޮތުން އިންތިހާއަށް ކަންބޮޑު ވާކަަމަށެވެ.
ރާއްޖޭގައި ބޭރު ޤައުމު ތަކުގެ ސިފައިން ތިބުމާއި، ގޮތް ނޭގޭ އެއްބަސްވުންތައް ހެދުމާއި، ކަނޑުން ބައެއް ވިއްކާލުން ފަދަ ކަންކަމަކީ މިނިވަންކަމަށް އަސަރު ކުރާނެ ނުރައްކާ ހުރި ކަންތައްތަކެއް ކަަމަށް ނާޒިމް ވިދާޅުވިއެވެ. މިއަދު ދިވެހި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ފުރުސަތަކީ މިމަހުގެ 30 ވަނަ ދުވަހު ލިބޭ ވޯޓު ކަރުދާސް ކޮޅުގައި މިސަރުކާރަށް ނޫނެކޭ ބުނެ ޑރ. މުއިއްޒަށް ވޯޓު ދެއްވުން ކަމަށާއި، ޤައުމު ސަލާމަތް ކުރެވެން އޮތީ އެގޮތަށް އަމަލު ކޮށްގެން ކަަމަށެވެ.
ނާޒިމް ވަނީ ތަރައްޤީގެ ކަންކަމަށްވެސް މިޖަލްސާގައި އަލި އަޅުވާލާފައެވެ. އެގޮތުން ބޯހިޔާވަހިކަމަށް ޝައްކު ނުކުރެވޭ ވަރަށް އެކަން މިހާތަނަށްވެސް ކޮށްދެއްވީ ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ފްލެޓް އަޅާފައި މިސަރުކާރާއި ހަވާލު ކުރުމުންވެސް ރައްޔިތުންނަށް އެތަންތަނުގެ ފިނިޝިން ނިންމާނުލައި ހަވާލު ކުރުމަކީވެސް ކަން ކުރަން ނޭގުމުން ވީ ކަމެއްކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ޞިއްޚީ ނިޒާމު ހަރުދަނާ ކަމާއިއެކު ކުރިއަށް ގެންދިއުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، މިހާރުވެސް އޮތީ ސިއްޚީ ނިޒާމަށް ސަލާންޖަހަން ޖެހޭ ނިޒާމެއް ކަމަށެވެ. ރާއްޖޭގެ ޞިއްޚީ ނިޒާމުގެ ހާލަތަކީ މިއަދު ރާއްޖޭގެ ތަރައްޤީއަށް އޮތް ހުރަސްކަމަށާއި، ހަމަ ސިއްޚަތެއްނެތި ތައްޔިތުންނަށް ޤައުމުގެ ކަންކަމުގައި ނޫޅެވޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.