މެންބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް އިސްލާހެއް!

މެންބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް އިސްލާހެއް!

Author
އިބްރާހީމް ސާޢިދު
13 ސެޕްޓެމްބަރ 2023 11:32
0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް، ޤާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފިއެވެ.

މިއިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދައިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި އާބާދީ އިތުރުވަމުންދާ ނިސްބަތަކުން މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތުމުން ދައުލަތުގެ ބަޖެޓުން ރައްޔިތުންގެ މަޖިލީހަށް ކުރަންޖެހޭ ހަރަދު އިތުރުވަމުންދާ ދިޔުން ހުއްޓުވުމެވެ.

އާބާދީ އިތުރުވި ނިސްބަތަށް ބަލައި، އަންނަ އަހަރު ބާއްވާ އިންތިހާބަށް ފަހު 20 ވަނަ މަޖިލީހަށް 93 މެމްބަރުން އިންތިހާބު ކުރަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިއުލާނުކޮށްފައެވެ. އިލްޔާސް ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މަޖިލިސް އެކުލެވިގެންވާނީ 76 މެމްބަރުންގެ މައްޗަށް ކަމަށެވެ. އެ އިސްލާހުގެ ދަށުން މަޖިލިސް އެކުލަވާލެވޭނީ އިދާރީ ދާއިރާތައް ތަމްސީލުވާ 55 މެމްބަރުންގެ މައްޗަށް ކަމަށް ބުނެފައި ވެއެވެ.

އިދާރީ ދާއިރާތަކުން ބެހިގެންދާ ގޮތް:

– ތިލަދުންމަތީ އުތުރު: 3
– ތިލަދުންމަތީ ދެކުނު: 4
– މިލަންދުންމަޑުލު އުތުރު: 3
– މިލަންދުންމަޑުލު ދެކުނު: 2
– މާޅޮސްމަޑުލު އުތުރު: 3
– މާޅޮސްމަޑުލު ދެކުނު: 2
– ފާދިއްޕޮޅު: 2
– މާލެ އަތޮޅު: 2
– މާލެ: 11
– އައިއަތޮޅު އުތުރު: 1
– އަރިއަތޮޅު ދެކުނު: 2
– ފެލިދެ އަތޮޅު: 1
– މުލަކަ އަތޮޅު: 1
– ނިލެންދެ އަތޮޅު އުތުރު: 1
– ނިލެންދެ އަތޮޅު ދެކުނު: 1
– ކޮޅުމަޑުލު: 2
– ހައްދުންމަތި: 2
– ހުވަދު އަތޮޅު އުތުރު: 2
– ހުވަދު އަތޮޅު ދެކުނު: 3
– ފުވައްމުލައް: 2
– އައްޑޫ: 5

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި އަންހެނުންނާއި ނުކުޅެދުންތެރިކަން ހުރި މީހުން ތަމްސީލުކުރެވޭ މިންވަރު އިތުރުކުރުމަށް އަންހެން މެންބަރުންނަށް ހާއްސަކުރެވިފައިވާ ގޮނޑިތަކެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް މިހާރު ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުސޫލު ބަދަލުކުރުމެވެ.

އާ ޤާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ކޮންމެ އިންތިޚާބެއްގައިވެސް މަޖިލީހުގެ އިދާރީ ދާއިރާތައް ވަނީ އިތުރުވެފައެވެ. އެގޮތުން 2009 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި 77 މެމްބަރުން އަދި 2014 ވަނަ އަހަރުގައި 85 މެމްބަރުން އަދި މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގައި 87 މެމްބަރުން ތިއްބަވައެވެ.

ޤާނޫނު އަސާސީގައި މިހާރު ބުނާގޮތުން ކޮންމެ 5،000 މީހުންގެ އާބާދީއަކަށް މެމްބަރަކު އިންތިޚާބު ކުރަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.