މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމަކީ އެމްޑީޕީއަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބޭނެ އިތުރު ހިތްވަރެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމް މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 15،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުން ކުރި ހޯއްދަވާފައި ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒާ ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 85،000 އަށް ވުރެ ގިނަ ވޯޓެވެ. އެކަމަކު، އެއްވެސް ބޭފުޅަކަށް %50 އަށް ވުރެ އިތުރަށް ވޯޓު ލިބިފައި ނުވާތީ ދެ ބޭފުޅުންގެ މެދުގައި ދެވަނަ ބުރުގެ ވޯޓެއް ވަނީ ނަގަން ޖެހިފައެވެ.
ދެވަނަ ބުރުގެ އިންތިހާބު ބޯމަތިވެފައިވާ އިރު، ރައީސް ސޯލިހާއި މުއިއްޒު ވެސް ގެންދަވަނީ ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވަމުންނެވެ. ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް 15،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު، އޭނާ ދިޔައީ ތިން ވަނައަށެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އަބްދުލްޣަނީ ވިދާޅުވީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރެއްވުމަކީ އެމްޑީޕީއަށާއި ނަޝީދަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށެވެ. އަދި އެކަން ނިންމުމުގެ ބާރު އޮތީ ދަ ޑިމޮކްރެޓްސް އަށް ކަމަށް ވެސް އަބްދުލްޣަނީ ވިދާޅުވިއެވެ.
"އެ ނިންމުމަކީ ދަ ޑިމޮކްރެޓްސްގެ ނިންމުމަކަށް ވާނީ. އަދި އެއީ ދެ ފަރާތުގެ ކަމަކަށްވާތީ އެކަން އެގޮތަށް ގެންދެވިއްޖެއްޔާ ރަނގަޅު ކަމަށް ފެންނާތީ އެ ވާހަކަ ވެސް ދަންނަވާލީ،" އަބްދުލްޣަނީ ވިދާޅުވިއެވެ.
އަބްދުލްޣަނީ ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރެންދޫ ދާއިރާގެ ރައްޔިތުން އެމްޑީޕީ އަށް ދެއްވި ތާއީދަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރައީސް ސޯލިހް ހޯއްދެވި ނަތީޖާ އަށް ވެސް މަރުހަބާ ދަންނަވާ ކަމަށް އަބްދުލްޣަނީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން. އެމްޑީޕީގައި މިތިބީ ރައްޔިތުންނަށް ހައްގުތައް ހޯދައި ދިނުމަށް. އަދި ޑިމޮކްރެޓްސް އިން ވެސް ކުރީގައި ތިބީ އެމްޑީޕީގައި. އެބޭފުޅުން ވެސް ކުރައްވަމުން އައީ އެއް ކަމެއް. ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރަމުން އައީ،" އަބްދުލްޣަނީ ވިދާޅުވިއެވެ.
އަބްދުލްޣަނީ ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން އަނިޔާވެރިންނާ އެކީގައި ކުރިއަށްދާން ތިބި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ