ވޯޓުން އެނގުނީ ރައީސް ސޯލިހަށް ތާއީދެއް ނެތް ކަން: އިންތި

ވޯޓުން އެނގުނީ ރައީސް ސޯލިހަށް ތާއީދެއް ނެތް ކަން: އިންތި

Author
އަހުމަދު
12 ސެޕްޓެމްބަރ 2023 11:20
0

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުން އެނގުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދެއް ނެތް ކަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެމްޑީޕީ އަށް މަޖިލިހުގެ ސުޕަ މެޖޯރިޓީ ލިބި، ވެރިކަމުގައި ތިއްބެވި ބޭފުޅުން އިންތިހާބުގެ ދެވަނަ ބުރަށް ވެއްޓިދާނެ ކަމަށް އެއްވެސް ބޭފުޅަކު ގަބޫލެއް ނުކުރައްވާނެ ކަމަށެވެ. ވެރިކަމުގެ ހުރިހާ ބާރަކާއި ބައިއަތުލްމާލާއި ފައިސާ އާއި ވަޒީފާތަކާއި ލޯންތަކާއި ބިރު ދެއްކުމާ އެކީގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ %39 ވޯޓު ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

"އިދިކޮޅުގައި އޮތް ބަޔަކު ކުއްލިއަކަށް އިންތިހާބުގައި ވާދަކޮށް އެ ދަމައިގަތީ ބޮޑު އަދަދެއް. މިއީ ރައީސް ނަޝީދު ގިނިކަންޏާ އިންތިހާބަކާ ވާދަކުރައްވައިގެން %48 ވޯޓު އިދިކޮޅުގައި ހުންނަވައިގެން ނެންގެވި. ރައީސް ޔާމީން ވެސް އެހާމެ ބޮޑު އަދަދެއް ނެންގެވި. މިއަދު ސަރުކާރުގެ ހުރިހާ ބާރަކާ އެކުގައި ރައްޔިތުންގެ މަޖިލިސް، މުޅި ރާއްޖޭގެ މަޖިލިސް މެމްބަރުން މަސައްކަތް ކުރައްވައިގެން %39. ވިސްނާވަޑައިގަންނަވާ،" އިންތި ވިދާޅުވިއެވެ.

މި ނަތީޖާ އިން ރައީސް ސޯލިހަށް، ރައްޔިތުންގެ އިތުބާރާއި ތާއީދާއި ލޯތްބެއް ނެތް ކަން އެނގިފައިވާ ކަމަށް އިންތި ވިދާޅުވިއެވެ. އިންތި ވިދާޅުވި ގޮތުގައި، ރައީސް ސޯލިހަށް ލިބިވަޑައިގަތް ވޯޓެއް ވެއްޖެއްޔާ ލިބިވަޑައިގަތީ ފައިސާ އަޅައިގެންނެވެ.

އިންތި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ބައިއަތުލްމާލާ ނުކުޅުއްވައި އެ ސަލާމަތްތެރިކަމާ އެކީގައި ބޭއްވުމަށް އެދިވަޑައިގެންފައެވެ.

"އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެ ނާޖައިޒް ގޮތުގައި ބޭނުން ނުކުރެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" އިންތި ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.