ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީއާއިއެކު ކޯލިޝަން ނެހެދުމަށް ޕީޕީއެމްގެ ރައީސް ޔާމީން އަންގަވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ސިޔާސީ ޕާޓީތަކާއި ލީޑަރުން ޕީޕީއެމް ޕީއެންސީ ކޯލިޝަންއާއި ގުޅިވަޑައިގެން ކުރިއަށްދިއުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރޭ ދައުވަތު ދެއްވާފައެވެ. އިންތިޚާބުގައި ކުރިއަށްދާނީ ރައީސް ޔާމީންގެ މަޝްވަރާއާއިއެކު ކަމަށް ޕީޕީއެމް/ޕީއެންސީ ވަނީ ބުނެފައެވެ.
ރައީސް ޔާމީން ލަފާ ދެއްވީ ޖޭޕީއާއިއެކު ކޯލިޝަން ނުހެދުމަށެވެ. އެމަނިކުފާނު އިންތިޚާބުގެ ދެވަނަ ބުރުގައި ޤާސިމާއިއެކު ކޯލިޝަން ނެހެދުމުގެ ޝައުގުވެރިކަމެއް ނެތީ ކޮންމެ އިންތިޚާބެއްގައި ސަރުކާރުގެ ތެރެއިން ބޮޑު ބަޔަކާއި، މަޖިލިސް ގޮޑިތަކާއި އެނޫންވެސް ގިނަ ކަންތައްތަކެއް ޤާސިމަށް ހަމަޖައްސަވަން ޖެހޭތީކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އިންސްޓްރަކްޝަނެއްގެ ގޮތުގައި އެންގެވި އެންގެވުމެއް އެއީ. ވިދާޅުވީ އެ މަނިކުފާނުގެ ޝައުގުވެރިކަމެއް ނެތޭ އެ ކަމުގައި. އެނޫން އެހެން ޕާޓީތަކާއި، ލީޑަރުންނާއި، މިދަނީ މަޝްވަރާ ކުރަމުން.
– އޮފިޝަލަކު ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީން ދަމީ ޖޭޕީ ފިޔަވައި ހުރިހާ ސިޔާސީ ޕާޓީތަކައި ލީޑަރުންނާއި ވަކިވަކި މެމްބަރުންނާއިވެސް ތާއީދު ހޯދުމަށް މަޝްވަރާ ކުރަމުންނެވެ. އެގޮތުން ރައީސް ނަޝީދާއި، ޑިމޮކްރެޓްސްއާއި، އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި، ވަޒީރުންނާއި، އެމްއެންޕީއާއި، އުމަރު ނަސީީރާއި އެނޫންވެސް ސިޔާސީ ޕާޓިތަކާއި ވަކިވަކި ފަރުދުންނާއިވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.
މީގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ވަކިވަކި މެމްބަރުންނާއި، އިސްވެރިންނާއި ދަނީ މަޝްވަރާކޮށް ދެވަނަ ބުރުގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ޕީޕީއެމް/ޕީއެންސީ މަސައްކަތް ކުރަމުންދާއިރު، ރައީސް ޞާލިހު ވިދާޅުވަނީ އެމަނިކުފަނާއިއެކު 2 ނޫނީ 3 ބަޔަކު ގުޅޭނެކަމަށެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑރ. މުޢިއްޒު ވަނީ %46.15 ވޯޓު ހޯއްދަވާ، ކުރި ހޯއްދަވާފައެވެ. މުޢިއްޒު ވިދާޅުވީ، މިކަމުންވެސް ފެނިގެން މިދިޔައީ ރައްޔިތުން ކުރިއަށްވެސް ބޭނުންވާ ގޮތްކަމަށެވެ.
One Response
އެކަމަކު ނަސީދުއާއެކީ ކޯލިސަން ހެދުން ވަރަށް ނުރައްކާވާނެ