ކުރީގެ ރައީސުންގެ ސައިޒް ސާފު، ކަންކަން އިސްލާހު ކުރީމަ ރައީސަށް މޮޅުވެވޭނެ: ޝަރީފް

ކުރީގެ ރައީސުންގެ ސައިޒް ސާފު، ކަންކަން އިސްލާހު ކުރީމަ ރައީސަށް މޮޅުވެވޭނެ: ޝަރީފް

Author
އަހުމަދު
10 ސެޕްޓެމްބަރ 2023 08:47
0

އިއްޔެ ބޭއްވި ރިޔަސީ އިންތިހާބުގައި ކުރީގެ ރައީސުންގެ ސައިޒް ސާފުވެފައިވާ ކަމަށާއި ކަންކަން އިސްލާހު ކުރީމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މޮޅުވެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮންމެ ވެސް ސަބަބަކާ ހުރެ ގިނަ އަދަދެއްގެ މީހުން ވޯޓު ލާން ނުނިކުންނަ ކަމަށެވެ. އެކަން ކަން ބަލައި އިސްލާހު ކުރީމަ، އެމްޑީޕީ އަށް ދެވަނަ ބުރު ކާމިޔާބު ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ކުރީގެ ރައީސުންގެ ސައިޒް މިހާރު މާ ބޮޑަށް ވެސް ސާފުވެއްޖެއެވެ. އެގޮތުން 2013 ގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް %5 ވޯޓު ލިބިވަޑައިގެންނެވި އިރު، މި އިންތިހާބުގައި ނަޝީދަށް ލިބިވަޑައިގަތީ %7 ވޯޓު ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް އެ އިޝާރާތް ކުރައްވަނީ ނަޝީދުގެ ތާއީދާއެކު ދަ ޑިމޮކްރެޓްސްގެ ފަރާތުން ކުރިމަތިލެއްވި އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދެވެ.

ޝަރީފް ވިދާޅުވީ މި އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް ލިބިވަޑައިގަތީ %1 އަށް ވުރެ މަދު އަދަދެއް ކަމަށެވެ. ޝަރީފްގެ ވާހަކައިގައި އެ ފާހަގަކުރެއްވީ މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނަށް ލިބިވަޑައިގަތް ވޯޓުގެ ނަތީޖާއެވެ.

"ވީމާ ޑރ. ވަހީދަށް ވުރެ ރައީސް ނަޝީދުގެ ޕޮޕިއުލާ ވޯޓު %2 އަށް ވުރެ ގިނަ. އަދުގެ ސިޔާސީ ހަގީގަތް، ކުރީގެ ކިންގް މޭކާ ގާސިމް އިބްރާހިމަށް އެ މަގާމު ވެސް ގެއްލުނީ ބަދަލުވަމުންދާ ސިޔާސީ އޮއިވަރުގެ ބިޔަ ރާޅުގެ ސަބަބުން. ރާއްޖެ ވެސް ދެ ސިޔާސީ ޕާޓީއަކަށް ބަދަލުވަނީ. އާ ކިންގް މޭކާއަކީ ކާކު އަދި ބުނަން އަވަސް،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެންމެ ދެ އިންސައްތަ ވޯޓު ލިބިވަޑައިގެންނެވި ކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 100,723 ވޯޓު ހޯއްދަވައިފައެވެ. ރައީސް ސޯލިހަށް 85,126 ވޯޓު ލިބިވަޑައިގެންފައެވެ. އިންތިހާބުގައި %50 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައި ނުވާތީ މި މަހުގެ 30 ގައި އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.