އިންތިހާބާ ގުޅިގެން ޕްރޮމޯޝަން ދޭން އަންގާފައެއް ނުވޭ: ފުލުހުން

އިންތިހާބާ ގުޅިގެން ޕްރޮމޯޝަން ދޭން އަންގާފައެއް ނުވޭ: ފުލުހުން

Author
އަހުމަދު
10 ސެޕްޓެމްބަރ 2023 06:56
0

އިންތިހާބަކާ ގުޅިގެން ނުވަތަ އެ ނޫން ވެސް އިރެއްގައި މިދިޔަ ފަސް އަހަރު ތެރޭ އެއްވެސް ފުލުހަކަަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން އަންގާފައި ނުވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން މިގޮތަށް ބުނެފައި ވަނީ އޮންލައިން ނޫސް "ދިޔަރެސް" ގައި ޝާއިއު ކުރި ލިޔުމަކާ ގުޅިގެންނެވެ. އެ ލިޔުމުގައި ބުނެފައި ވަނީ ތާއީދު ހޯދަން 300 ފުލުހަކަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ފުލުހުންނަށް ޕްރޮމޯޝަން ދިނުމަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއި އެގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުގައިވާ ގޮތުގެ މަތިން ފުލުހުންގެ ތެރޭގައި ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން ޕްރޮމޯޝަން ބޯޑުން ނިންމާ ނިންމުމެއްގެ މައްޗަށް ކުރެވޭ ކަމެއް ކަމަށެވެ.

"އިންތިހާބާ ގުޅިގެން ވެސް، އަދި އެ ނޫން އިރެއްގައިވެސް މިދިޔަ ފަސް އަހަރު ތެރޭ އެއްވެސް ފުލުހަކަަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން އަންގާފައިނުވޭ." ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި "ދިޔަރެސް" ނޫހުގައި ލިޔުނު އާޓިކަލްއަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއް ނޫނެވެ. ފުލުހުންނާ ގުޅޭ ގޮތުން ތަކުރާރުކޮށް، ފުލުހުންގެ ހިދުމަތުގެ ބަހެއް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް، ދިޔަރެސް ނޫހުން މިފަދަ ދޮގު ވާހަކަތައް ލިއުމަކީ ހިދުމަތުން ކަންބޮޑުވާ އަދި ކުށްވެރި ކުރާ ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މިއާޓިކަލްގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި ގުޅިގެންވެސް ދިޔަރެސް ނޫހުން އެއްވެސް ކަމެއް ސާފުކުރުމަށް ފުލުހުންގެ ކިބައިން އެދިފައިނުވޭ. ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާއި ޚިލާފު މިފަދަ ކަންކަން ނުކުރަން މިޚިދުމަތުން އިލްތިމާސްކުރަން." ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.