ހަވީރަށް މަޑުނުކޮށް ވީހާވެސް އަވަހަށް ވޯޓު ދެއްވުމަށް ވަޑައިގަންނަވާ: ޑރ. މުއިއްޒު

ހަވީރަށް މަޑުނުކޮށް ވީހާވެސް އަވަހަށް ވޯޓު ދެއްވުމަށް ވަޑައިގަންނަވާ: ޑރ. މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2023 09:37
0

ހަވީރަށް މަޑު ނުކޮށް ވީހާވެސް އަވަހަށް ވޯޓު ދެއްވުމަށް ވަޑައިގެން ވޯޓު ލުމުގެ ޤާނޫނީ ޒިންމާ އަދާކުރެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ވަނީ ވޯޓުލުން ފަށާފައެވެ. ވޯޓުލުމަށް ފަހު މުއިއްޒު ވިދާޅުވީ ވޯޓު ދެއްވުމަކީ ކޮންމެ ބޭފުޅެއްގެވެސް ޤާނޫނީ ޒިންމާއެއް ކަމަށާއި، އެބޭފުޅަކަށް އެންމެ ރަނގަޅު ބޭފުޅަކަށް ވޯޓު ދެއްވުމުގެ ޤާނޫނީ ޒިންމާ އަދާކުރެއްވުމަކީ މުހިންމު ކަމެއްކަމަށެވެ.

އެއްވެސް ބޭފުޅަކު ހަވީރު ވަންދެން މަޑުނުކޮށް ވީހާވެސް އަވަހަށް ވަޑައިގެން ޤާނޫނީ ޒިންމާ އަދާކުރެެއްވުމަކީ ކުރައްވާ އިލްތިމާސެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. ހަވީރު 4 ޖަހާއިރު ކިއު ބަންދުކުރާއިރު ދިގުކިއުތައް އޮންނާނެހެން މަޑު ނުކޮށް ހުރިހާ ބޭފުޅުންވެސް އަވަހަށް ވޯޓު ދެއްވުމަކީ ވަރަށް ބޮޑު އިލްތިމާސެއްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖޭން ބޭރުގައި ބަހައްޓާފައިވާ 574 ވޯޓުފޮށީގެ ތެރެއިން، 2 ފޮއްޓެއް ފިޔަވައި ހުރިހާ ފޮއްޓެއްގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދޭ. ވޯޓްލުން ނުފެށި އޮތީ ލަންޑަން އަދި އަބޫދާބީގައި ބަހައްޓާފައިވާ ފޮށިތަކުގައެވެ. އެ ފޮށިތަކުގެ ވޯޓްލުން ނުފެށެނީ އެކަމަށް ކަނޑައަޅާފައިވާ ވަގުތު ނުޖެހޭތީއެވެ.

ހަވީރު 4 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓްފަހުން ވޯޓު ގުނަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.