ބައެއް ޓީވީތަކުން ކެމްޕެއިން ކުރާ ކަމުގެ ޝަކުވާ ވަނީ ލިބިފައި: އީސީ

ބައެއް ޓީވީތަކުން ކެމްޕެއިން ކުރާ ކަމުގެ ޝަކުވާ ވަނީ ލިބިފައި: އީސީ

Author
އަހުމަދު
08 ސެޕްޓެމްބަރ 2023 11:18
0

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރުން މަނާ ގަޑީގައި ބައެއް ޓީވީތަކުން ކެމްޕެއިން ކުރާ ޒާތުގެ ކަންކަން ކުރާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިރޭ ވިދާޅުވެއްޖެއެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަބީބް ވިދާޅުވީ ގައުމީ ބައެއް ޓީވީ ޗެނަލްތަކުން މިހާރު ވެސް މަނާ ގަޑީގައި ކެމްޕެއިން ކުރެވޭ ޒާތުގެ ކަންކަން ކުރަމުންދާ ކަން ލަފާ ދޭ ކޮމިޓީގައި ހިމެނޭ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއީ ކެމްޕެއިން ކުރުން މަނާ ގަޑީގައި ޓީވީތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަބީބްގެ ވާހަކައިގައި އެއީ ކޮން ޓީވީ ޗެނަލްތަކެއް ކަމެއް ވިދާޅެއް ނުވެއެވެ.

"ވަކި ކުލައެއްގެ ހެދުމެއް، ނޫނީ ވަކި ކުލައެއްގެ ބެކްގްރައުންޑެއް އަންނަ ގޮތަށް ކެމްޕެއިން ކުރެވޭ ޒާތަށް ކަންކަން ކުރެވެމުންދާ ތަން. އެހެންވީމަ އެކަން ނުކުރެއްވުމަކީ ކޮމިޝަންގެ ވަރަށް ބޮޑު އެދުމެއް،" ހަބީބް ވިދާޅުވިއެވެ.

ކެމްޕެއިން ކުރުން މަނާ ގަޑިއަކީ މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން އާދިއްތަ ދުވަހުގެ ހަޔަކާ ހަމައަށެވެ.

ކެމްޕެއިން ކުރުން މަނާ ގަޑީގައި ބައެއް ކެންޑިޑޭޓުންގެ ފަރާތުން މެސެޖް ލިބެމުންދާ ކަމުގެ ޝަކުވާ ލިބޭތީ މީސް މީޑިއާގެ ޒަރިއްޔާ އިންނާއި އެއްވެސް ގޮތަކަށް ކެމްޕެއިން ކުރެވޭ ޒާތުގެ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަމަޖައްސަން ޖެހޭ އިންތިޒާމުތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަން ޖެހޭ ތަކެތި ރިސޯޓުތަކަށާއި ރާއްޖެ އިން ބޭރަށާއި އަތޮޅުތަކަށް ފޮނުވާ ނިމިފައިވާ ކަމަށެވެ. މާދަމާ ވަރަށް ހެނދުނާ އޮފިޝަލުން ގޮސް، ވޯޓުލުން ފެށޭ ގަޑިއަށް ކަންކަން އިންތިޒާމު ކުރާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ެ ެއަހްމަދް ރަސީދު
Baeh launch faharun faisaa balance EC aai anticipation gadha ah nidhaafai. EC akee bey kaaru thaneh