މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކޮރަޕްޝަނާއި ގުޅިގެން އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު އިތުރު 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން މިހާރުވެސް 8 އަހަރުގެ ހުކުމެއް ތަންފީޒްކުރަމުން ގެންދާ ޒިޔަތުގެ މައްޗަށް ދައުވާކުރީ، ދައުލަތުގެ ކުންފުނިތަކުން އެކި ބޭނުންތަކުގައި އެމްއެމްޕީއާރުސީއަށް 2014 ވަނަ އަހަރު ދޫކުރި ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުނިތަކަކަށް ދޫކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައެވެ.
ޒިޔަތުގެ މައްޗަށް އުފުލި ދައުވާގައި ވަނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޑޮލަރު ގަތުމަށް ދޫކުރި ފައިސާ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން އެމްއެމްޕީއާރުސީއަށް ދޫކުރި ފައިސާ އެހެން ކުންފުނިތަކަށް ޒިޔަތު ދޫކުރިކަމަށެވެ. އެގޮތުން ޚިޔާނާތުގެ ތިން ދައުވާއެއް އުފުލިއެވެ.
މި މައްސލަގާއި މިއަދު އޮތް ޝަރީޢަތުގައި ދައުލަތުން ވަނީ ޒިޔަތާއެކު އިޢުތިރާފްގެ އެއްބަސްވުން ހަދާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޮންމެ ދައުވާއަކަށް 4 އަހަރުގެ ހުކުމެއް އިއްވުމަށް އެއްބަސްވެފައިވާކަމަށާއި، ޚިޔާނާތުގެ ގެއްލުމުގެ ބަދަލު ހޯދުމަށް ޒިޔަތު އެހީތެރިވާނެކަމަށް އެއްބަސްވުން ބަޔާންކުރާކަމަށް ދައުލަތުން ވިދާޅުވިއެވެ.
މިކަމާ ސުވާލުކުރުމުން ޒިޔަތު ވަނީ އެ ދައުވާއަށް އެއްބަސްވެފައެވެ. އަދި އިއުތިރާފްގެ އެއްބަސްވުންވެސް ރަނގަޅުކަމަށް ޒިޔަތު ވިދާޅުވިއެވެ. އޭނާ ވަނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާކަމަށް ބުނެފައެވެ.
މި މައްސަލަ ބައްލަވާ ޤާޟީ ވަނީ ޒިޔަތުގެ އިއުތިރާފަކީ ޞައްޙަ އިއުތިރާފެއްކަމަށް ނިންމާފައެވެ. އަދި އެއްބަސްވުންވެސް ޞައްޙަކަމަށް ޤާޟީ ނިންމެވިއެވެ. ޒިޔަތުގެ އިއުތިރާފުން ކުށް ސާބިތުވާތީ 12 އަހަރަށް ޖަލަށް ލުމަށް ޙުކުމްކުރީކަމަށް ޤާޟީ ވިދާޅުވިއެވެ.
ޒިޔަތު 8 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވަނީ ޅ. މާބިންހުރާ ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅިގެންނެވެ. ޒިޔަތު ހުކުމް ތަންފީޒްކުރަމުން ގެންދަނީ ގޭ ބަންދުގައެވެ.
ކޮމެންޓު ފޮނުވާ