ޕީޕީއެމް/ޕީއެމްސީގެ ލީޑަރޝިޕާއި ޢާންމު މެމްބަރުންގެ ހުރިހާ ހަކަތައެއް އެއްވެސް ވަރުބަލިކަމެއް ނެތި ހޭދަކުރަނީ ރައީސް ޔާމީން މިނިވަން ކުރަން ކަމަށާއި، މިމަސައްކަތް ހުއްޓާލާނީ ރައީސް ޔަމީން މިނިވަން ކޮށްފައިކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޑރ.މުއިއްޒުގެ ކެމްޕޭންގައި ރަސްމީކޮށް މެޑަމް ފާތުން ބައިވެރިވެ ވަޑައިގެން މިރޭ ދިވެހީންގެ ޖަގަހާގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މުޅީ ލީޑަރޝިޕާއި އާންމު މެމްބަރުން މިވީ ފަސް އަހަރު މުޅި ކަހަތަ ހުސްކޮށްލައިގެން ތިބީ ރައީސް ޔާމީން މިނިވަން ކުރުމަށް ކަމަށެވެ. އެމަސައްކަތުގައި މިހާރު ލިބެނީ އިތުރު ހިތްވަރެއް ކަމަށާއި، މެޑަމް ފާތުންގެ ފެނިލުމަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމަށެވެ.
ޝިޔާމް ވިދާޅުޥީ ރައީސް ޔާމީންގެ ޢާއިލާ، އަނބިކަނބަލުންނާއި، ދަރިންނަށް އަދިވެސް ހިތްހަމަޖެހުމެއް ނުލިބޭކަމަށެވެ. ފަސް އަހަރު ހިތްދަތި ކަމުގައި މުޅި ޢާއިލާއާއި، ރައީސް ޔާމީނަށް ތާއީދު ކުރާ އެތައްހާސް ރައްޔިތުން ތިބިއިރު މިކަމަށް ނިމުން ގެނައުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި އިތުރު ހިތްވަރެއް މިރޭ ލިބިގެން ގޮސްފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަޅުގަނޑުމެން ހުރިހާ ހަކަތައެއް މިހޭދަކުރަނީ ރައީސް ޔާމީން މިނިވަން ކުރުމަށް. އަޅުގަނޑު މެޑަމް ފާތުން އަށާއި، ޢާއިލާއަށް ދޭން އޮތް ޔަގީން ކަމަކީ މިކަން އަޅުގަނޑުމެން ހުއްޓާލާނީ ރައީސް ޔާމީން މިނިވަންކޮށް ޢާއިލާއާއި ހަމަޔަށް ގެނެސްދީފައޭ. އަޅުގަނޑުމެން މިއިންތިޚާބު ކާމިޔާބުކޮށް އެކަން ކުރާނަން.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިޚާބަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ދިވެހި ރައްޔިތުން ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އެކަން ކުރުމަށް ދިވެހި ރައްޔިތުން ބޭނުން ވެފައިތިބި މިންވަރު ހާމަވާކަމަށާއި، ރައީސް ޔާމީންގެ ހައްގުގައި ދިވެހި ރައްޔިތުން މިސަރުކާރު ބަދަލުކޮށް، ޑރ. މުއިއްޒު ވެރިކަމަސް ގެންނާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.