ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ޢަމާޒެއްނެތް، އަދިވެސް ގިނަ ވަޒީފާތައް ދޭނަން: ރައީސް

ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ޢަމާޒެއްނެތް، އަދިވެސް ގިނަ ވަޒީފާތައް ދޭނަން: ރައީސް

Author
އައިޝަތު އަޙްމަދު
03 ސެޕްޓެމްބަރ 2023 05:32
0

ސަރުކާރުގެ ކަރަންޓު ކުންފުނި ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދުމުގެ ވިސްނުމެއް ނެތްކަމަށާއި، ޢަމާޒަކީ ގިނަ ވަޒީފާތަކެއްދީ އަސާސީ ޚިދުމަތް ދިނުންކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ހދ.ނޮޅިވަރަމުގައި ވާހަކަކަފުޅު ދައްކަވަމުން  ރައީސް ވިދާޅުވީ، ފެނަކައިގެ ވާހަކަ ވާދަވެރިން ވަރަށް ގިނައިން ދައްކާކަމަށެވެ. ނަމަވެސް އެކުންފުނިން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭއިރު އެ ޚިދުމަތްތަކަށް ބެއްލެވުމަށް ރައީސް އެދިވަޑައިގަތެވެ.

ކަރަންޓުގެ ޚިދުމަތް ދެނީ އެމީހުން. ފެނުގެ ޚިދުމަތް ދެނީ އެމީހުން. ނަރުދަމާގެ ޚިދުމަތް ދެނީ އެމީހުން. އައިސްޕްލާންތެއް ހުރިއްޔާ އައިސްޕްލާންޓް ހިންގާ މަރާމާތު ކުރަނީ އެމީހުން. މި ހުރިހާ ކަމަކަށް މުވައްޒަފުން ބޭނުންވޭ.

– ރައީސް ޞާލިޙް ވިދާޅުވިއެވެ.

ފެނަކައަކީ ހަމައެކނަި ކަރަންޓު ދޭ ބައެއް ނޫންކަމަށާއި، އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމުގެ ވިސްނުމެއް ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއީ އެކުންފުންޏަކީ އަސާސީ ޚިދުމަތްދޭ ކުންފުންޏެއްކަމަށާއި، ވީހާވެސް ގިނަ ބަޔަކަށް ވަޒީފާދީ ކިރިޔާ ދެކޮޅު ޖެހުމުން އެ ނިމުނީކަމަށް ރައީސް ވިދާޅުވިއެވެ.

ރަށްރަށުގައި ތިބެ ވަޒީފާ އަދާކުރެވޭނެ ގޮތެއް ވުމަކީ ސަރުކާރުގެ ޢަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ފެނަކައަށް މުވައްޒަފުން ނަގާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު، ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ހިންގައި، ކޮންޓެކްޓަރުންނަށް ފައިސާ ނުދޭ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެކުންފުނިތަކުން ސޯޝަލް މީޑިއާގައިވެސް އަންނަނީ އެކަން ހާމަކުރަމުންނެވެ.

މީގެ އިތުރުން ފެނަކަ ދަރަނީގައި ހިންގަމުން އައިނަމަވެސް، އެތަނަށް އިންތިޚާބާ ދިމާކޮށް ގިނަ ޢަދަދެއްގެ މުވައްޒަފުން ނަގަމުން އަންނާތީވެސް ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޚާއްޞަކޮށް ރަށްރަށުން ޒުވާނުންނަށް ގިނަ ޢަދަދެއް ވަޒީފާ ފެނަކައިން ދެމުން އަންނާތީ މަހަށްދާނެ ޒުވާނުން ނުވާކަމަށްވެސް މަސްވެރިން ބުނެއެވެ. އަދި އެކަމުގެ ޝަކުވާވެސް ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
ގައުމުފަނާ ކުރަމުން ގެންދާ މީހަކަށް ވާހަކަ ދެއްކޭނީ މިގޮތަށް ކަމަށްވުން އެކަށީގެންވެއެވެ.