އަޅުގަނޑުމެން މި އަންނަނީ 24 ގަޑިއިރު މަސައްކަތް ކުރަން ތައްޔާރުވެގެން: މުއިއްޒު

އަޅުގަނޑުމެން މި އަންނަނީ 24 ގަޑިއިރު މަސައްކަތް ކުރަން ތައްޔާރުވެގެން: މުއިއްޒު

Author
އަހުމަދު
01 ސެޕްޓެމްބަރ 2023 11:18
0

ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އަންނަނީ 24 ގަޑިއިރު މަސައްކަތް ކުރަން ތައްޔާރުވެގެން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ލ. ފޮނަދޫގައި މިރޭ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރަށްތަކަށް ކުރައްވާ ދަތުރުގައި ފޮނަދޫގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ވެރިކަން ކުރާނީ "ހަފްތާ ބަންދާއި" އެ ނޫން ވެސް ބަންދުތައް ކަނޑާފައި ނޫން ކަމަށެވެ. އެއީ މި ގައުމު ނަގާ ކޮޅަށް ޖަހަން ޖެހޭނީ ސުމަކުން ނޫން ކަމަށާއި ގައުމު ނަގާ ކޮޅަށް ޖަހަން ޖެހެނީ މައިނަސް އިން ފެށިގެން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އޭނާއާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް ދެއްކިދާނެއެވެ. އެކަމަކު، ރައްޔިތުންނަށް ދޭ ޔަގީންކަމަކީ އޭނާ އަށް ޖަވާބު ދޭން އެނގިވަޑައިނުގަންނަވާ ސުވާލެއް ކުރިމައްޗެއް ނުކުރެއްވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އެއްވެސް ތުހުމަތަކުން އަޅުގަނޑު ބެދޭނެ ކަމެއް ނޯންނާނެ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވީމަ ވެސް ވަރަށް ގިނަ ތުހުމަތުތައް ކުރިއެވެ. އެކަމަކު، ކޮންމެ ވާހަކައަކަށް ޖަވާބު ދެއްވާފައި ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިހާރު ތުހުމަތެއް ކުރެއްވި ނަމަވެސް ޖަވާބު ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ. ގާނޫނާއި ގަވައިދާ ހިލާފަށް ކުރި ކަމެއް ނޯންނާނެ. މިހާރަކު ވެސް ނުކުރަން. ކުރިއަށް އޮތް ތަނުގައި ވެސް ނުކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ހައުސިން މިނިސްޓްރީގައި ހޭދަކުރެއްވި ގާތްގަނޑަކަށް ހަތް އަހަރު ދުވަހު، 13 ބިލިއަން ރުފިޔާގެ މަސައްކަތް ކުރެއްވި އިރު، އެންމެ ރުފިޔާއެއްގައި ވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.