މި މަހު ބޭއްވި އިންތިޚާބުތަކުން ސަރުކާރަށާއި ޕީއެންސީއަށް މުހިންމު ފިލާވަޅުތަކެއް ލިބިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ހއ. މުރައިދޫ ކައުންސިލްގެ ބައި-އިލެކްޝަނުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ކޮންމެ އިންތިޚާބަކީވެސް ރައްޔިތުންގެ ޝުޢޫރުތަކާއި ބޭނުންތައް ހާމަކޮށްދޭ މުހިންމު ވަސީލަތެއް ކަމަށެވެ. އަދި މި ފަހަރުގެ ނަތީޖާއިންވެސް ރައްޔިތުން ގިނަ ވާހަކަތަކެއް ބުނެދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް އޮތް ތާއީދު ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ، އަތޮޅުތަކާއި ސިޓީތަކުގެ ވޯޓަށް ބަލާއިރު ޕީއެންސީއަށް 277,011 ވޯޓު ލިބިފައިވާއިރު، އިދިކޮޅު އެމްޑީޕީއަށް ލިބުނީ 258,050 ވޯޓު ކަމަށެވެ. މިއީ ރައީސަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރައްވާ ލީޑަރެއްކަމުގެ ހެއްކެއްކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ 2028 ވަނަ އަހަރާ ހަމައަށް ރަނގަޅުކުރަންޖެހޭ ކަންކަން ހުރިކަން ރައީސް ގަބޫލުފުޅުކުރައްވާ ކަމަށާއި، އެކަންކަން އިޞްލާޙުކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ. ގައުމު ކުރިއަށް ގެންދިއުމަށް ރައީސް ބޭނުންފުޅުވާ ގާނޫނީ ބަދަލުތައް ގެނައުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ރެޔާއި ދުވާލު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.
ކުރީގެ ސަރުކާރުތަކުން އިންތިޚާބުތަކުގެ ނަތީޖާއާ ގުޅިގެން ރައްޔިތުންނަށް އަދަބުދީ ޖަލަށްލި ނަމަވެސް، މި ސަރުކާރުން އިސްކަންދޭނީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކޮށް، މަދުވާ ކަންކަން ފުރިހަމަކޮށްގެން ބާރު ދުވެލީގައި ތަރައްގީ ގެނައުމަށްކަމަށް ޝުޖާއު ވިދާޅުވިއެވެ. މީގެ އިތުރުން، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ގައުމު ދޫކޮށްލީ އިގްތިސާދީ ގޮތުން ބަނގުރޫޓުވާ ފަދަ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، އެކަން ރައްޔިތުންނަށް ސާފުކޮށް އެނގޭކަމަށް ވިދާޅުވެ އޭނާ ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ