އެމްޑީޕީން ވަކި މެމްބަރުންގެ ތެރެއިން އަލަށް ގުޅުނު މެމްބަރުން އެމްޕީއާއި ގުޅުނީ އެމެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާގެ އެއްވެސް މުއާމަލާތެއް ކޮށްގެން ނޫންކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގައި އުފެދުނު ޚިޔާލް ތަފާތުވުންތަކަށްފަހު އެމްޑީޕީ ތެރެއިން އުފެދުނު ޑިމޮކްރެޓްސް އަށް ދިޔަ މެމްބަރުންގެ ތެރެއިން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންއާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވަނީ އަލުން އެމްޑީޕީއާއި ގުޅިފައެވެ. މިދެބޭފުޅުން ގުޅިފައިވަނީ ފައިސާގެ ނުފޫޒާއި ރިޝްވަތު ދީގެންކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިގޮތަށް ދެކެވޭ ވާހަތަކާއި ގުޅިގެން ލ. އާއި ތ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ނިންމަވައިލެއްވުމުގެ ކުރިން ފޮނަދޫގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، އެއްވެސް މެމްބަރަކަށް ފައިސާގެ މުއާމަލާތެއް ހިންގައިގެން ރިޝްވަތު ދީގެން އަލުން އެމްޑީޕީއަށް ގެނެސްފައި ނުވާނެކަމަށެވެ. ރައީސް ވިދާޅުވީ މިހާރުވެސް ބައެއް މެމްބަރުން ވާހަކަތައް ދައްކަމުން ދާކަމަށެވެ. ނަމަވެސް އަދި ފައިނަލް ނުކުރެވޭ ކަމަށެވެ. ވިދާޅުވީ، ފައިނަލް ކުރެވޭ ހިސާބަށް ދިއުމުން އެކަން ހާމަކުރައްވާނެ ކަމަށެވެ.
އެމްޑީޕީ ދޫކުރެއްވި މެމްބަރުންތަކެއް އަލުން އެ ޕާޓީ އަށް ސޮއިކުރެއްވުމާ ދިމާކޮށް، މެމްބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމަށް ބުނެ، އެކަން ބަލައި ދިނުމަށް މަޖިލިހުގެ އިދާރާ އިން މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ހުށަހެޅި އެވެ. ނަމަވެސް ޖިނާއީ ތަހުގީގަކަށް ބޭނުންވާ އަސާސީ މައުލޫމާތު ހުށަހަޅާފައި ނުވާތީ، އެ މައްސަލަ ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށް ފުލުހުން އިއްޔެ މަޖިލިހުގެ އިދާރާ އަށް އެންގިއެވެ.
މެމްބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމަށް ބުނެ ކުރާ ތުހުމަތާ ގުޅުވައިގެން މިރޭ ނޫސްވެރިއަކު ސުވާލު ކުރުމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ކަހަލަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، އެއްވެސް މެމްބަރަކާ އެކު އެމްޑީޕީން ފައިސާގެ މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސް ދޫކުރައްވައި ޔާސިރާއި ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ އެ ބޭފުޅުންގެ ދާއިރާ އަށް ތަރައްގީ ގެނެވެން އޮތީ އެ ގޮތް ހިޔާރު ކުރައްވައިގެން ކަަމށް ވާތީއެވެ. އެ ދެ މެމްބަރުން ވެސް އެހެން ވިދާޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.