ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޝާހު މާހިރު މަގާމުން އިސްތިއުފާ ދެއްވައި ކުރީގެ އެމްޑީޕީގެ މެމްބަރުންތަކެއް އުފައްދައިގެން އުޅޭ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފިއެވެ.
މަގާމުން އިސްތިއުފާ ދެއްވައި ޝާހު ރައީސް އޮފީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާ އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކަމަށާއި އެހެން ނަމަވެސް އެ ޕާޓީގެ ސިޔާސީ ވިސްނުމާއި ހިޔާލު ތަފާތުވެފައިވާ ކަމަށެވެ. ޝާހު އިސްތިއުފާ ދެއްވައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި އިރު އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭންތަކުގައި ވެސް ބައިވެރިވެލައްވައިފައެވެ. އަދި ގާސިމްއަށް އޭނާ ވަރަށް ބޮޑަށް ތައުރީފްވެސް ކުރައްވާފައި ވެއެވެ.
އެހެން ނަމަވެސް ޖުމްހޫރީ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވީ ކީއްވެގެން ކަމެއް ސާފެއް ނުވެެއެވެ. ޝާހު ވިދާޅުވީ ސިއްހީ ދާއިރާއަށް ހިދުމަތް ކުރުމުގެ ފުރުސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ކަމަަށްޓަކަައި ޝުކުރުވެރިވާ ކަމަށެވެ.
އެހެން ނަމަވެސް އޭނާގެ ސިޔާސީ ފިކުރާ އެއްގޮތަށް ރާއްޖޭގެ ސިއްހީ ދާއިރާއަށް ހިދުމަތް ކުރެވޭނީ އެހެން ސިޔާސީ މަގާމެއް އިހުތިޔާރުކޮށްގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޝާހު ވިދާޅުވިއެވެ.
ޝާހު ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި އިރު ވެރިކަން ކުރާ އެމްޑީޕީގެ ސްލޮޓުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެެވެ.