ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ރާއްޖޭގެ ތިން ސަރަހައްދެއްގައި ބައިނަލްއަގުވާމީ ރޭސިން ޓްރެކެއް އަޅުއްވައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ރޭސިންއަކީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ދެކުނާއި އުތުރުގައި އިންޓަނޭޝަނަލް ފެންވަރުގެ ރޭސިން ޓްރެކެއް ގާއިމު ކުރައްވާނެ ކަމަށާއި މިއީ ނަތީޖާ ނެރެދެއްވާނެ ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އީ ސްޕޯޓްސް ގޭމް ތެރޭގައި އުޅޭ އިރު، ކޮމިއުނިޓީ އަށް އަޅާލާނެ ބައެއް ނެތް ކަަމަށެވެ. އެކަން ގައުމީ ލެވެލްއެއްގައި ބަލައިގަންނަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި އެ ކުޅިވަރު ގައުމީ ފެންވަރެއްގައި ބަލައިގަންނާނެއެވެ.
އެގޮތުން ރާއްޖޭގެ ތިން ސަރަހައްދުގައި އީ ސްޕޯޓްސް އެރީނާއެއް އަޅައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އީ ސްޕޯޓްސްގެ ތެރޭގައި އެންމެ ގިނަ އިން ޝާމިލްވެ އުޅެނީ އުމުރުން 18 އަހަރާއި 24 އަހަރުގެ ކުދިންނެވެ. މިއީ ޒުވާނުންނަށް ފައިދާ ހުރި، ރަނގަޅަށް ބައިވެރިވެވޭ އެއްޗަކަށް ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ޒުވާނުންގެ މެދުގައި މަގްބޫލް ޑްރިފްޓިންއަކީ ވަރަށް ކުރިއަރައިގެންދާ ކުޅިވަރެކެވެ. އަދި އެއީ ވަރަށް ގިނަ ޒުވާނުން ކުރާ ހިތުން ކުރާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އެހެންވެ، އެކަމަށް ޝައުގުވެރިވާ ޒުވާނުންނަށް ޑްރިފްޓިން ސްޓޭޑިއަމެއް ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކައިގައި ވަނީ މާލޭގައި އެންމެ ގިނަ އިން ރާޅާ އަރާ ސަރަހައްދު ބައިނަލްއަގުވާމީ ސާފިން ސްޓޭޑިއަމަކަށް ހަދައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެއާއެކީ، އެ ތަނަކީ ޒުވާނުން ބޭނުންވާ ތަނަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒުވާނުންނަށް ކުޅިވަރުތައް ކުޅެވޭނެ ގޮތް ހެދުމަކީ މުޖުތަމައުގެ ކުރިއެރުމަކަށް މުހިންމު ކަމެއް ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ޒުވާނުންނަކީ ބޭކާރު ބަޔަކަށް ނުވާނެ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ސަރުކާރު ވާނީ ޒުވާނުން ގޮވައިގެން އުޅޭ ސަރުކާރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.