މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވެންސް ބޮޑުކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވެންސް ހަމަހަމަ އުސޫލަކުން ދިނުމަށްޓަކައި ކުރެވުނު މަސައްކަތުން ހުރިހާ މެޖިސްޓްރޭޓު ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވެންސް، އަސާސީ މުސާރައިގެ %35އަށް އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން މި ހިނގާ އޯގަސްޓް މަހުން ފެށިގެން ބޮޑުވި އެލަވެންސް ކޯޓުތަކުގެ މުވައްޒަފުންނަށް ލިބޭނެކަމަށް ޑީޖޭއޭއިން ބުންޏެވެ.
އެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް މި ގެނައި ބަދަލަކީ 2015 ވަނަ އަހަރަށްފަހު މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ. މި ބަދަލު ގެނައުމުގެ ކުރިން ޖުޑީޝަލް އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 ލިބެމުން ދިޔައީ 187 މެޖިސްޓްރޭޓް ކޯޓުގެ ތެރެއިން 11 މެޖިސްޓްރޭޓް ކޯޓަށެވެ.
މި ބަދަލާއެކު ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 ހަމަޖެހި 800 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ޑީޖޭއިން ބުންޏެވެ.