މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދިވެހިން ފުރާ ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ވަރަށް ބޮޑަށް ބާރުބޮޑުވާނެތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއޭސީއެލް އިން އިލްތިމާސްކޮށްފިއެވެ.
އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި، ހައްޖުވެރިން ފުރަން ހަމަޖެހިފައިވާ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހު އެއާޕޯޓުގެ ޓްރެފިކް އަދި ޕާކިން އޭރިއާތަކަށް އާދަޔާ ހިލާފަށް ބާރުބޮޑުވާނެއެވެ. އެހެންކަމުން، އެ ދުވަސްތަކުގައި އެއާޕޯޓަށް ދަތުރުކުރާ އާންމު ފަރާތްތަކުން ވެސް ދަތުރުފަތުރު ކުރުމުގައި ފެރީ ނުވަތަ ބަހުގެ ހިދުމަތް ބޭނުންކުރުމަށް ވަނީ އެދިފައެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެ ފްލައިޓަކާއި، ސައުދިއާގެ ދެ ފްލައިޓެއްގައެވެ. މި ހުރިހާ ފްލައިޓްތަކުން ފުރާ ހައްޖާޖީންނަށްވެސް "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ހާއްސަ ފަސޭހަތަކަކާއި އިންތިޒާމުތަކެއް އެއާޕޯޓުގައި ވަނީ ހަމަޖައްސައިދީފައެވެ.
މީގެ ތެރެއިން ހުކުރު ދުވަހު (15 ވަނަ ދުވަހު) ފުރާ ސައުދިއާގެ ފުރަތަމަ ފްލައިޓުން 242 މީހުން ފުރުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހު ހައްޖުވެރިން ގޮވައިގެން އަންނަ ބަސްތައް މަޑުކުރާނީ ކުރީގެ ޑޮމެސްޓިކް ޓާމިނަލް ކުރިމައްޗަށެވެ. އަދި ހައްޖުވެރިންގެ ހުކުރު ނަމާދު ވޯޓާ ފްރަންޓު އިމާރާތުގެ ތިރީގައި ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް، 17 އިން 19 އަށް ފުރާ މީހުންގެ ބަސްތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓާމިނަލް 2 ގެ ޑްރޮޕް އޮފް ސަރަހައްދަށެވެ. އަދި އެ ދުވަސްތަކުގައި ހައްޖާޖީން މަޑުކުރާނީ ޓާމިނަލް 2 ގެ ކޮންކޯސް އޭރިއާގައެވެ.
ހައްޖުވެރިން ފުރާ ވަގުތުތަކުގައި ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެމްއޭސީއެލްގެ އޮފިޝަލުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދާނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ