އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަމަށް ވަޑައިގެންފި ނަމަ، ބިދޭސީން ގިނަ އަދަދަކަށް އުޅޭ ވަޒީފާތައް ދިވެހިންނަށް ހާއްސަ ކުރެވޭ ގޮތަށް ގާނޫނީ ބާރުވެރިކަން ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. އަތޮޅާއި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. ވެލިދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ދިވެހި ޒުވާނުން ވަޒީފާ އަށް ދާން ބަލާ އިރު، ގިނައީ ބިދޭސީން މަސައްކަތް ކުރަމުން އަންނަ ވަޒީފާތައް ކަމަށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ އަށް ބެލިޔަސް، ފެންނަން އޮތީ އެ މަންޒަރު ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ފާހަގަ ކުރެއްވި ވަޒީފާތަކުގެ ތެރޭގައި ހެއާ އެންޑް ބިއުޓީ، ރިސޯޓުތަކުގެ މިއުޒިޝަންސް، ބޭންޑްތައް، ކަސްޓަމާ ސާވިސް، ހައުސް ކީޕިން، ފްރަންޓް އޮފީސް، ހިއުމަން ރިސޯސް ޑިޕާޓްމަންޓް ހިމެނެއެވެ. އަދި މާލެ އަށް ބަލާއިރު، ޓެކްސީ ދުއްވުމުގައި ވެސް ބިދޭސީން މަސައްކަތް ކުރާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ދާއިރާތަކުގެ އިތުރުން ދިވެހިން ވަޒީފާ އަދާކުރާ ހިތްވާ ވަޒީފާތައް ވެސް ދިވެހިންނަށް ހާއްސަ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މި ދެންނެވި ފަދަ ވަޒީފާތަކަކީ ދިވެހިންނަށް ހާއްސަ ދާއިރާތައް ކަމުގައި ރަސްމީކޮށް ގާނޫނީ ބާރުވެރިކަމާ އެކީގައި އިރާދަކުރެއްވިއްޔާ ކަނޑައަޅައި ދޭނަން. އޭގެ ސަބަބުން ދިވެހިންނަށް އެ ވަޒީފާތައް ޔަގީންވެގެން ދާނެ." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މަހުން އުފައްދާ ބާވަތްތަކާއި ސީފުޑްގެ ބާވަތްތައް ފަސޭހަކަމާއެކުގައި ބޭރު ދުނިޔޭގެ މާކެޓުގައި އާއި ލޯކަލް މާރުކޭޓުގައި އާއި ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ވިއްކުމަށް ވަރަށް ގިނަ ބަޔަކު ބޭނުންވެފައި ތިބި ކަމަށެވެ. އެހެންވެ، ސަރުކާރުން އެހީތެރިވެދީގެން ރަސްމީކޮށް އޮންލައިން ޕްލެޓްފޯމެއް ގާއިމުކޮށް ދެއްވާނެ ކަމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ