ހިތާމައާއިއެކު ވަހީދު ވިދާޅުވީ އެއްޕާޓީއަށް އޭނާއަކީ ކާޅެއް ކަމަށާއި، އަނެއް ޕާޓީއަށް ބާޒެއް ކަމަށް!

ހިތާމައާއިއެކު ވަހީދު ވިދާޅުވީ އެއްޕާޓީއަށް އޭނާއަކީ ކާޅެއް ކަމަށާއި، އަނެއް ޕާޓީއަށް ބާޒެއް ކަމަށް!

Author
މުޙައްމަދު ޝަޒައިމް
24 އޮގަސްޓް 2023 12:36
0

ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީގެ ތެރެއިން އެއްޕާޓީއަކަށް އޭނާއަކީ ކާޅެއް ކަމަށާއި، އަނެއް ޕާޓީއަށް ބާޒެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޑރ.ވަހީދު ހިތާމައާއިއެކު އެވާހަތައް ހިއްސާ ކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް ފުރުސަތު ލިބޭނެ ކަމުގައި އުންމީދުގައި ހުރި ޑރ.ވަހީދު ވަނީ ރިޔާސީ އިންތިޚާބުގައި ޤާސިމަށް ތާއީދު ކުރައްވައި ކެމްޕޭނާއި ގުޅިވަޑައިގެންފައެވެ. ރައީސް ވަހީދު ވަނީ އެމަނިކުފާނު ޤައުމުގެ އެވަގުތެއްގެ ހާލަތާއި ގުޅިގެން ދެއްވި ޚިދުމަތް މިއަދު ބޮޑު ދެޕާޓީއަށް ނިސްބަތްވާ ގިނަ ރައްޔިތުން ދެކޭ ގޮތާއިމެދު ވަރަށް ބޮޑަށް ހިތާމަ ކުރައްވާފައެވެ.

ރޭ ނ. މަނަދޫގައި ބޭއްވި ޖަލްސާގަައި ވާހަކަ ދައްކަވަން ފެށްޓަވަމުން ވަހީދު ފުރަތަމަ ވެސް ވިދާޅުވީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ބައެއް ބޭފުޅުން ގަބޫލުނުކުރައްވައިފާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދައްކަވާ ވާހަަކަފުޅު ގަބޫލުނުކުރާ މީހުން ނުކުރާ ސަބަބަކީ އެ ވާހަކަފުޅު ދައްކަވަނީ އެމަނިކުފާނު ކަމަށް ވާތީއެވެ.

އަޅުގަނޑު ދައްކާ ވާހަކަ ބައެއް ބޭފުޅުން ގަބޫލުނުކުރެއްވުމަކީ އެކަށީގެންވާ ކަމެއް. އެއީ އަޅުގަނޑުވީމާ. މިހާރު އަޅުގަނޑަަށް އެކި ނަންނަން ކިޔާކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ދިވެހިރާއްޖޭގައި އޮތް ބޮޑު ދެ ސިޔާސީ ޕާޓީގެ ފަރާތުން. އެއް ޕާޓީން އަޅުގަނޑަށް ކަޅު ކާޅު. އަނެއް ޕާޓީން ބާޒު، މިކަހަލަ ނަންނަން ކިޔަމުން އެ ގެންދަނީ.

– އަސަރާ އެކު ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރު ބަދަލުވުމުން ކަންތައް ވީ ގޮތުގެ ހަނދާން އާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ ގާނޫނު އަސާސީގައި އެކަން އެގޮތަށް އޮންނާތީ ކަމަށެވެ. އެކަމަކު އެ ފަހަރު "ބޮޑު ބާގީއަކަށް ހަދައި، މުޅި ރާއްޖޭގައި ގަން ހިންގި" ކަމަށް ވެސް ވިދާޅުވިއެވެ.

ކުރިމަތިލެއްވި ހުރިހާ ކަމަކާ ވެސް ކުރިމަތިލެއްވީ ހެޔޮނިޔަތުގައި ކަމަށް ވިދާޅުވެ، އެމަނިކުފާނު ދެން ވިދާޅުވެ ދެއްވީ ޕީއެޗްޑީ ހާސިލުކުރައްވައިގެން މީގެ 37 އަހަރު ކުރިން ރާއްޖެއަށް ވަޑައިގެންނެވީއްސުރެ މިހައިތަނަށް ސިޔާސީ މައިދާނުގައި ކުރެއްވި އެކި މަސައްކަތްތަކެވެ. އެހުރިހާ މަސައްކަތެއް ވެސް ކުރެއްވީ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެންނަންވަން ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސީނާ
ބޮޑު ބަޣާވާތެއް ރާވާހިންގީވެސް އިސްލާހައްޓކާ! ދިވެހިން މީ ހުސަގަމާރުންދ؟