މާދަމައިން ފެށިގެން ކެންޑިޑޭޓުން ވޯޓާސް ލިސްޓްގައި ސޮއިކުރަން ފަށަނީ

މާދަމައިން ފެށިގެން ކެންޑިޑޭޓުން ވޯޓާސް ލިސްޓްގައި ސޮއިކުރަން ފަށަނީ

Author
މުޙައްމަދު ޝަޒައިމް
24 އޮގަސްޓް 2023 08:58
0

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އަންނަ ހުކުރު ދުވަހުން ފެށިގެން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓާސް ލިސްޓްގައި އީސީގެ އޮފިޝަލުން މިހާރު ގެންދަނީ ސޮއިކުރަމުންނެވެ. އެ މަސައްކަތް ނިންމާލުމަށްފަހު، ދެން ކެންޑިޑޭޓުން ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ ހުކުރު ދުވަހުން ފެށިގެން ލިސްޓްގައި ސޮއިކުރަން ކެންޑިޑޭޓުންނަށް ފުރުސަތު ދޭނެ އެވެ. ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުން ސޮއިކުރުމަކީ މިހާރު ކޮންމެ އިންތިހާބެއް ކުރިން ވެސް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތެކެވެ. މިކަމަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރުމަށްފަހު އެކުލަވާލި ގައިޑްލައިންގައި ހިމެނި ކަމެކެވެ.

އެ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު، ކޮންމެ އިންތިހާބެއްގައި ވެސް ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުން ސޮއި ކުރެއެވެ. އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ، އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމެވެ.

އަދި އަމިއްލަ ތިން ކެންޑިޑޭޓުން ކަމަށް އުމަރު ނަސީރާއި ފާރިސް މައުމޫން އަދި ހަސަން ޒަމީރު ވާދަކުރައްވަ އެވެ. އިންތިހާބަށް ދެ ހަފުތާއަށް ވެފައިވާއިރު ހުރިހާ ކެންޑިޑޭޓުން ވެސް ގެންދަނީ ކެމްޕެއިން ކުރައްވަމުންނެެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށް ލިބިފައިވެއެވެ. މިފަހަރުގެ އިންތިޚާބުގައި އަލަށް 27000އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.