ދިގުވެލިދޫގައި އެއާޕޯޓެއް އަޅަން މުއިއްޒު ވައުދުވެވަޑައިގެންފި

ދިގުވެލިދޫގައި އެއާޕޯޓެއް އަޅަން މުއިއްޒު ވައުދުވެވަޑައިގެންފި

Author
އަހުމަދު
23 އޮގަސްޓް 2023 04:47
0

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ށ. ދިގުވެލިދޫގައި އެއާޕޯޓު އަޅައި ދެއްވާނެ ކަމަށް ޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ށ. ކޮމަންޑޫގައި މިއަދު ވައުދުވެވަޑައިގެންފިއެވެ.

ދިގުވެލިދޫގައި އެއާޕޯޓެއް އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ތެރޭގައި އެ ދާއިރާ އަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދެކެވެ. އެ ކަން ކުރައްވާނީ ޕީޕީއެމްގެ ވެރިކަމެއްގައި ކަމަށް ވެސް އެ ފަހަރު ޔާމީން ވަނީ ވިދާޅުވެފައެވެ.

ށ. އަތޮޅުގެ ރަށްތަކަށް މުއިއްޒު ކުރައްވާ ރިޔާސީ ކެމްޕެއިންގައި ކޮމަންޑު އަށް ވަޑައިގެން އެ ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ މި ސަރަހައްދުގައި އެއާޕޯޓެއް އޮތުމަކީ ޖިއޯގްރަފިކަލީ ރަށްތައް ބެހިފައިވާ ގޮތަށް ބެލިކަމުގައި ވިޔަސް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ދޭ ޔަގީންކަމަކީ އެ [ދިގުވެލިދޫ] އެއާޕޯޓުގެ މަޝްރޫއު އަދި އެއާއެކީ ޓޫރިޒަމް ގެނައުމުގެ ޕްލޭނަކާ އެކީ އެ މަޝްރޫއު ކުރިއަށް ގެންގޮސްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން މިހާރު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަތިކޮމަންޑޫ ހިއްކައި ކޮމަންޑުއާ ގުޅައިލުމުގެ މަޝްރޫއު ހިނގަނީ ވަރަށް ލަހުން ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ސަރުކާރުން ކުރިއަށް ގެންދާ އެ މަޝްރޫއު އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ރައްޔިތުން ބޭނުންވާ ސްޕީޑެއް ނޫން މިއީ. ރައްޔިތުން ބޭނުންވަނީި ވަރަށް ބާރު ސްޕީޑުގައި ތަރައްގީ އަންނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިއަދު ކޮމަންޑު އަށް ވަޑައިގެންނެވުމުން އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުހަބާ ދަންނަވަން ބަނދަރު ސަރަހައްދަށް ގޮސްފައެވެ. ށ. އަތޮޅުގެ ރަށްތަކުގެ ތެރެއިން މުއިއްޒަށް އެންމެ ހޫނު މަރުހަބާއެއް ކީ އެއް ރަށަކީ ވެސް ކޮމަންޑޫއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.