އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ށ. ފޭދޫ އަށް ވަޑައިގެންނެވުމުން ރަށުގެ ކައުންސިލްގެ އެމްޑީޕީގެ ރައީސް އަހުމަދު ރައިސަމް މަރުހަބާ ދަންނަވައިފިއެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު ވަނީ ށ. އަތޮޅުގެ ރަށްތަކަށް މިއަދު ދަތުރުފުޅު ފައްޓަވައިފައެވެ. މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ށ. ކަނޑިތީމަށެވެ. އޭގެ ފަހުގައި ދެވަނަ މަންޒިލެއްގެ ގޮތުގައި ވަޑައިގަތީ ފޭދޫއަށެވެ.
މުއިއްޒު ފޭދޫ އަށް ވަޑައިގަތުމުން އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ފޭދޫ ކައުންސިލްގެ ރައީސްއެވެ. ރައިސަމް ވިދާޅުވީ ޑރ.މުއިއްޒަށް މަރުހަބާ ދަންނަވަން ނިކުމެ ހުންނެވި މައިގަނޑު ސަބަބަކީ މުއިއްޒަށް އޮތް އިހްތިރާމްގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑު ސަފުގައި އިސްވެ މިއަދު މިހުރީ މިރަށަށް ވަޑައިންނަވަނީ މާލޭ ސިޓީގެ މޭޔަރު އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ވީމަ. ޑރ.މުއިއްޒަކީ އަޅުގަނޑު ވަރަށް އިހްތިރާމް ކުރާ ބޭފުޅެއް." ކައުންސިލްގެ އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.
މުއިއްޒަށް މަރުހަބާ ދަންނަވަން ނުކުންނެވީ ސަރުކާރާ މެދުގައި ހިތްހަމަނުޖެހުމެއް އޮވެގެންތޯ ސުވާލު ކުރުމުން ރައިސަމް ވިދާޅުވީ ސަރުކާރާ މެދުގައި ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ.
ކޮމެންޓު ފޮނުވާ