ވެރިކަމަށް ވަޑައިގެންފި ނަމަ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހުރި ކްލާސް ރޫމެއް އޭސީކޮށް، ސްމާޓް ބޯޑް ހަރުކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުގައި ނ. ހެނބަދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސްކޫލްތަކުގައި ހުރި ކޮމްޕިއުޓަރު ލެބްތައް ފަހުގެ ޓެކްނޮލަޖީ އަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
މީގެއިތުރުން ޖޭޕީގެ ވެރިކަމެއްގައި ސްކޫލްތަކުގެ އަންހެން ޓީޗަރުން މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މޫނު ބުރުގާ އަަޅައިގެން ސްކޫލްތަކުގައި ކިޔަވައި ނުދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ގެނައި އުސޫލް އިއްޔެ ވަނީ ބަދަލުކޮށްފައެވެ. އާ އުސޫލުގައިވާ ގޮތުން މޫނު ބުރުގާ އެޅި ޓީޗަރުން، ކާކުކަން އަންގައިދޭން އަޅަން ޖެހޭނީ ސްޓާފް ކާޑެވެ. އަދި މޫނު ބުރުގާ ނަގައިގެން ހުންނަން ޖެހޭނީ މޫނު ހާމަކުރަން އެކަށީގެންވާ މާހައުލެއްގައި އުމުރުން 10 އަހަރު ނުވާ ދަރިވަރުންނަށް ކިޔަވައިދޭ އިރުގައި އެެކަންޏެވެ.
ގާސިމް ވިދާޅުވީ ދިވެހިންނަކީ އިސްލާމުންނަށްވީތީ، އިސްލާމީ ވަންތަ ގޮތަކަށް ހެދުން އަޅައިގެން އޮފީސްތަކަށާއި އެ ނޫން ތަންތަނަށް ވަޑައިގަތުމަކީ އެދުމެއް ކަމަށެވެ. އަދި އޭނާގެ ސަރުކާރެއްގައި ބާރު އަޅާނީ އިސްލާމީ ރިވެތި އުސޫލްތަކުގެ މަތިން ދިވެހިން ތަރުބިއްޔަތު ކުރުމަށް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންނަށް ލިބިގެންވާ ހައްގުތައް ފުރިހަމައަށް ހިމާޔަތްކޮށްދެއްވާނެ ކަމަށާއި ދީނީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތި ނުކުރައްވާނެ ކަމަށެވެ.
ވެރިކަމަށް ކުރިމަތިލެއްވީ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަން ދިފާއުކޮށް ހިމާޔަތްކުރުމަށާއި ގައުމުގެ އިގްތިސާދު ނަގަހައްޓާ ދެމެހެއްޓުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ. ދައުލަތް ދަރަނިވެރިވެފައިވާ މިންވަރުން ދައުލަތް ސަލާމަތް ކުރަން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ