ދައުލަތުގެ އާމްދަނީ އިތުރުކޮށް ގައުމުގެ އިގުތިސާދު ހަރުދަނާ ކުރުމަށް ޓަކައި ރާއްޖޭގައި ޓެކްސް ނިޒާމު ތައާރަފްކުރުމަށް ރައީސް ނަޝީދަށް ލަފާދެއްވީ އެމަނިކުފާނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް ބ.އަތޮޅަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން މިއަދު ހަވީރު ބ.ކެންދޫގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ކޮޅަށް ޖެހުމަށް ޓެކްސްގެ ނިޒާމަށް ގެނައި ހެޔޮ ބަދަލާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ރައީސް ވިދާޅުވީ ޓެކްސް ބޮޑު ކުރުމުން އެކަމުގެ ނުރުހުން ވިޔަފާރި ވެރިންގެ ކިބައިން ލިބިދާނެ ކަމަށްޓަކައި ރައީސް ނަޝީދު ހުންނެވީ ބިރުން ކަމަށެވެ.
ނަމަވެސް މިމައްސަލާގައި ރައީސް ނަޝީދާއި އޭރު ކުރެވުނު މަޝްވަރާ ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތް ގޮތުން އިމްޕޯޓް ޑިއުޓީއަށް އެކަނި ބަރޯސާވެގެން ގައުމުގެ އިގްތިސާދު ކުރި ނާރާނެ ކަމަށާއި ޓެކްސްގެ ނިޒާމު ތައާރަފްކޮށް ވިޔަފާރިތަކުންވެސް ޓެކްސް ނަގަން ފަށަންވީ ދަނޑިވަޅަކީ އެއީ ކަމަށް ނަޝީދަށް ދެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ ވަރަށް ޕާސަނަލް ވާހަކައެއް. އެއީ ޓެކްސް ނަގަން ފަށަން އަޅުގަނޑުމެން އުޅުނު އިރު (ނަޝީދު) ވިދާޅުވީ އިބޫއޭ ތިމަންނަ ދެެކެ ވިޔަފާރިވެރިން ރުޅި އަންނާނެޔޭ ތިކަން ކޮށްފިއްޔާ. އަޅުގަނޑު ބުނީ ނޫނެކޭ. މީއޭ އެކަން ކުރަންވީ ވަގުތަކީ. އެއްގޮތަކަށްވެސް ސަރުކާރެއް ނުހިންގޭނެޔޭ ސަރުކާރަށް އާމްދަނީ ނުލިބި.
– ރައީސް ވިދާޅުވިއެވެ.
މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ ރާއްޖެއަށް ތައާރަފްކުރީ 2010 ވަނަ އަހަރު އެމްޑީޕީންނެވެ. ޓެކްސްގެ ނިޒާމް ތަޢާރަފް ކުރުމާއިއެކު ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލެއް ވަނީ އައިސްފައެވެ. ޚާއްސަކޮށް ތަރައްޤީގައި ރާއްޖެއަށް ވަނީ ބޮޑެތި ކުރިއެރުން ލިބިފައެވެ. ސަރުކާރުން ވަނީ ޓެކްސްގެ ނިޒާމަށް މިއަހަރު އެކަކުން ފެށިގެން ބަދަލު ތަކެއްވެސް ގެނެސްފައެވެ.
މަޖިލީހުން މިދިޔަ އަހަރަށް ފާސްކުރީ ޓީ.ޖީ.އެސް.ޓީ %12 އިން %16 އަށް، އަދި ޖީ.އެސް.ޓީ %6 އިން %8 އަށް ބޮޑުކުރުމަށެވެ. މިބަދަލާއެކު ޖީ.އެސް.ޓީން 970 މިލިއަން ރުފިޔާ އަދި ޓީ.ޖީ.އެސް.ޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް މި އަހަރު ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. އެހެންކަމުން ޓެކްސްއަށް ގެންނަ ބަދަލުތަކާއެކު ޖުމްލަ 3 ބިލިއަން ރުފިޔާގެ އާމްދަނިއެއް ލިބޭނެކަމަށް ލަފާކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ