ގާސިމްގެ ވެރިކަމެއްގައި ރިސްކް އެލަވަންސް ބޮޑުކޮށްދޭނެ

ގާސިމްގެ ވެރިކަމެއްގައި ރިސްކް އެލަވަންސް ބޮޑުކޮށްދޭނެ

Author
އަހުމަދު
22 އޮގަސްޓް 2023 04:08
0

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ރިސްކް އެލަވަންސް ބޮޑު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ހދ. ކުރިނބީގައި މިއަދު ވައުދުވެވަޑައިގެންފިއެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ކުރިނބީ ރައްޔިތުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ މި ސަރުކާރުގެ ސަބަބުން ވަޒީފާ އަދާކުރާ މިހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށެވެ.

ގާސިމް ވިދާޅުވީ އެކިއެކި މަސައްކަތުގައި އުޅޭ އިރު، ރިސްކް ހުންނާނީ އެކި މިންވަރަށް ކަމަށެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި ރިސްކެއް އޮވެގެން މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކުރައްވަން ނިންމަވާފައިވާ ކަން ގާސިމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ފުލުހުންނާއި ސިފައިންނާއި، އެއާޕޯޓު މުވައްޒަފުންގެ އިތުރުން ހޮސްޕިޓަލްތަކުގައި ރިސްކެއް އޮވެގެން މަސައްކަތްކުރާ ކޮންމެ މީހަކަށް މި އެލަވަންސް ލިބޭނެކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެހެން ވަޒީފާތަކުގައި އުޅޭ މުވައްޒަފުން ވެސް އެމީހަކު އަދާކުރާ ވަޒީފާގެ ރިސްކަށް ބަލާފައި އެލަވަންސް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.