ބ. އަތޮޅު ގޮއިދޫ ފުޅަދޫ، އަދި ފެހެންދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. ފުޅަދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ސޯލިހު ވިދާޅުވީ މުޅި ދުނިޔެއަށް މަޝްހޫރު ބީޗު އޮތީ އެރަށުގައި ކަމަށާއި އެސަރަހައްދަށް ވުރެ ޓޫރިޒަމަށް އެންމެ ކަމުދާ ސަރަހައްދެއް ނެތް ކަމަށެވެ. އެހެންކަމުން ގޮއިދޫ ފުޅަދޫ، އަދި ފެހެންދޫ ފަޅުތެރޭގައި ރިސޯޓެއް ހަދައިދިނުމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.
ގޮއިދޫ ފުޅަދޫ، ފެހެންދޫ ފަޅުތެރޭގައި ރިސޯޓެއް ހެދުމަށްޓަކައި އަޅުގަނޑުމެން ހުޅުވާލާނަން ޕްރައިވެޓް ސެކްޓާއަކަށް. އަޅުގަނޑޫ ހިތުން އެއާއެކު މިކަމަށް އިންޓެރެސްޓް ނަގާނެ ކިތަންމެ ބައިވަރު އެދާއިރާގެ ބޭފުޅުން ތިއްބަވާނެ. މިއަށްވުރެ ފައްކާ ސަރަހައްދެއް ޓޫރިޒަމަކަށް މިހިސާބަކު ނޯންނާނެ. މުޅި ދުނިޔެއަށް މަޝްހޫރު އެއް ބީޗު އޮތީ މިތަނުގައި. ހަމައެކަނި އެ ގޮނޑުދޮށް ބަލަން އަންނާނެ ކިތަންމެ ބަޔަކު ތިބޭނެ.
– ރައީސް ވިދާޅުވިއެވެ.
އެސަރަހައްދުގައި ރިސޯޓް ހެދުމަށް ޕްރައިވެޓް ސެކްޓާއަށް ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަށް ކަންތައް ކުރެއްވުމުން ވަރަށް ގިނަ ފަރާތްތަކުން އެކަމަށް ޝައުޤުވެރިކަން ފާޅުކުރައްވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
އެރަށަކީ ރައިސް ސޯލިހުގެ ދައުރުގައި ވަރަށް ގިނަ ތަރައްޤީ ގެންނަމުންދާ ރަށެއްކަން ފާހަނގަކުރައްވަމުން ރައީސް ވިދާޅުވީ ދެން އަންނަ ދައުރެއްގައިވެސް އެރަށަށް ގިނަ ތަރައްޤީ ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެރަށުގައި ގެންގުޅޭ ކުދި ޑިންގީތަކާއި ލޯންޗުތައް އެޅުމަށްޓަކައި ފްލޯޓިން ޖެޓީއަކާއި އިންޑޯ ވޮލީ ކޯޓެއްގެ އިތުރުން ކޮމިއުނިޓީ ސެންޓަރަކާއި ވޭސްޓް މެނޭޖް ސެންޓަރެއް އަޅައިދޭނެކަމަށް ވަނީ ވައުދުވެފައެވެ.
ރައީސް ވަނީ މިޖަލްސާގައި ރާއްޖޭގަިއ ކުށް މަދު ކުރުމަށް ކުރެވުނު މަސައްކަތުން ބޮޑު ކާމިޔާބީއެއް ލިބިފައިވާކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ނިމިދިޔަ ފަސް އަހަރުގައި ރާއްޖޭގައި ކުށް ކުރި މިންވަރާއި މިދައުރުގައި ކުށްކުރި މިންވަރުގެ ތަފާސް ހިސާބުތަކުން މިކަން ފެންނަން ހުރިކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދައުރުގައި މިކަން އިތުރަށް ރަނގަޅު ކުރުންކަމަށެވެ.