ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ރޫޅާން އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ކުރަން ފެށި މަސައްކަތް ކާމިޔާބެއް ނުވިކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި، އެ ޕާޓީ ރޫޅާލާއްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ. ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ޚިޔާލް ތަފާތުވުންތަކުގައި ނަޝީދުވަނީ އެމްޑީޕީއާއި ފެއަށްޖެހި އެންމެ ފަހުން އެޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި އެމަނިކުފާނުގެ މަޝްވަރާގެ މަތީން އުފެއްދު ސިޔާސީ ޕާޓީއާއި ގުޅުވަޑައި ގަންނަވާފައެވެ.
ނަޝީދު އެމްޑީޕީ ރޫޅާލަން ކުރި މަަސއްކަތާއި ގުޅިގެން މޫސަ ވިދާޅުވީ އެމްޑީޕީ ރޫޅާލަން ނަޝީދާއި، ނަޝީދަށް ބައިތު ހިފި މީހުން ކުރި މަސައްކަތް ކާމިޔާބު ނުވިކަމަށެވެ. މިއަދު ފެންނަނީ އެމްޑީޕީ ތެރެއިން ނަޝީދަށް ތާއީދުކޮށް ދިޔަ ގިނަ މީހުން އެހެން ޕާޓީތަކާއި ގުޅި ނުވަތަ ހިމޭނުން ތިބިތަން ކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީ ރޫޅާލުމަށް ދުރާލާ ރާވައިގެން ނަޝީދަށް ވާގިވެރިވީ މީހުންކުރެ ގިނަ މީހުންގެ މަޤްސަދް ޙާސިލެއްނުވި. ސިޔާސީ ގޮތުންނާ މާލީ ގޮތުން އެހީވާންބުނެ ނަޝީދުއަށް ހުވަފެން ދެއްކުމަށްފަހު އެމީހުން ނަޝީދުއާ ފެއަށްޖެހި އެހެންޕާޓީތަކާ ގުޅޭތަން، ނޫނީ ހިމޭނުން ތިބިތަން ފެންނަނީ.
– މޫސަ ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްއާ އެކުގައި މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވަނީ ދާދިފަހުން އެމްޑީޕީއާ ގުޅިފައެވެ. މީގެ އިތުރުން ބައެއް ރަށްރަށުގައި ދަ ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުންވެސް ވަނީ އަލުން އެމްޑީޕީއާއި ގުޅިފައެވެ.
ނަޝީދު އިއްޔެ ވިދާޅުވީ އެމަނިކުފާނު އެމްޑީޕީން ވަކިވީ ނޫންކަމަށާއި، އެމްޑީޕީން އެމަނިކުފާނު މަރުގެ ތުންފަތް މައްޗަށް ގެނެސް ޕާޓީން ކަނޑާލީކަމަށެވެ.
ކޮމެންޓު ފޮނުވާ