އިލްޔާސް ލަބީބްގެ ވެރިކަމެއްގައި ކެބިނެޓްގައި ތިއްބަވާ ވަޒީރުންވެސް އާންމު ރައްޔިތުންނެކޭ އެއްފަދައިން މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށް ދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބްގެ ކެމްޕޭނަށް މިހާރު ބޮޑު ތިލަދުންމައްޗައް ކުރައްވަމުން ގެންދާ ދަތުރުގައި ހދ.ނޮޅިވަރަމަށް ވަޑައިގެން އެރަށުގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް ޙިދުމަތްކޮށްދެއްވުމަށްޓަކައި އެމަނިކުފާނުގެ އަރިޙުގައި ތިއްބަވާ ވަޒީރުން ވެސް މަސައްކަތް ކުރައްވާނީ އާންމު ރައްޔިތެކޭ އެއް ފަދައިން ކަމަށެވެ.
އެއްވެސް ވަޒީރަކަށް ސަރުކާރުގެ އެއްވެސް ބޭފުޅަކަށް ރެސްޓެއް ނެތް. މަސައްކަތުގައި އުޅެން ޖެހޭނީ. އެއީ ތިބޭފުޅުންގެ ޙައްޤުގައި. ތިބޭފުޅުންނާއި އަޅުގަނޑުމެން އެކީގައި ރާއްޖެ ބަދަލު ކުރަން މަސައްކަތް ކުރާނީ. އިލްޔާސް ލަބީބް ވިދާޅުވިއެވެ.
އޭގެ އިތުރުން އިލްޔާސް ވިދާޅުވީ, ނޮޅިވަރަމްގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށް ފުދުންތެރިކަން ރަނގަޅުކޮށް ދިނުމަށް އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. ރައްޔިތުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދަދިނުމަށް ޑިމޮކްރެޓްސްގެ ވެރިކަމެއްގައި އުޅުއްވާނެކަމަށް ވެެސް އިލްޔާސް ވަނީ ވާހަކައިގައި ފާހަގަ ކުރައްވާފައެވެ.
ނޮޅިވަރަމްގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވަނީ އެ ރަށުގައި ހައްލު ކޮށްދެވަން ޖެހޭ އެތައް ކަމެއް ފާހަގަކުރައްވާފައެވެ. އެގޮތުން އެ ރަށުގެ ފަތުރުވެރިކަމުން ފެށިގެން ސިއްޙީ ހާލަތު ރަނގަޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. ރަށުގެ ކައުންސިލް މެދުވެރިކޮށް ރަށުގެ ރައްޔިތުންގެ ހައްގުގައި ކަންކަން ކޮށްދެއްވާނެ ކަމަށާއި ކައުންސިލަށް އެކަން ކަން ނުވާ ކަމުގައި ވަނީ ނަމަ އެމަނިކިފާނު ވަޑައިގެން ރައްޔިތުންނަށް ކޮށްދެއްވަން ޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވެސް އިލްޔާސް ވަނީ އެރަށުގެ ރައްޔިތުންނަށް ޔަގީންކަން ދެއްވާފައެވެ.
ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެންް ކެމްޕެއިން ކުރައްވަމުން ދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ވަނީ ރާއްޖޭގެ ރައްޔިތުންނަށް ގިނަ ގުނަ ކަންކަން ކޮށްދެއްވާނެ ކަމަށް ވައުދެވެވަޑައިގެންފައެވެ.
One Response
އެހެރީ ސަލީބީކާލި ދަސަލީބީޑިމޮގުރެޓިސް