ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަން އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ، ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި އޮންނާނެ ކަމަށެވެ. ޖަލްސާގެ އެޖެންޑާ އަދި އާންމެއް ނުކުރެ އެވެ.
މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބޭއްވި މަރުތަޅު އެޅި، މިދިޔަ ބޮޑު އީދު ބަންދުގެ ކުރިން މަޖިލީހުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީ އަށް ދިޔައީ މުހިންމު މަސައްކަތްތަކެއް ނުނިންމަ އެވެ. ޖޫން 22 ގައި ޗުއްޓީ އަށް ދިޔައީ ދައުރު ދަންމާލުމަށް މެޖޯރިޓީ ޕާޓީ އެމްޑީޕީން އެދެމުން އަންނަނިކޮށެވެ.
އޭގެ ފަހުން އެމްޑީޕީން އެދިގެން ދައުރުން ބޭރުގައި ދެ ޖަލްސާއެއް ވަނީ ބާއްވައިފަ އެވެ.
ދައުރުން ބޭރުން ބޭއްވި ފުރަތަމަ ޖަލްސާގައި ވެސް އެ މަސައްކަތް ކުރިއަށް ނުގެންދެވި، ދާއިމީ ކޮމިޓީތައް ފާސްކޮށްފައިވަނީ ދެ ވަނަ ޖަލްސާގަ އެވެ.
މަޖިލީހުގެ ޖަލްސާތައް ނުބޭއްވި މަސައްކަތްތައް ހުއްޓުނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިސްވެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ހިސާބުންނެވެ. ނަޝީދާއި އީވާ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އުޒުވެރިވެވަޑައިގެން، މަޖިލީހުގެ ތާރީހުގައި ރިޔާސަތާ ހަވާލުވާނެ ބޭފުޅަކު ނެތިގެން ވެސް މި އަަހަރުގެ ދެވަނަ ދައުރުގައި ދެ ޖަލްސާއެއް ކެންސަލް ވެސް ކުރަން ޖެހުނެވެ.