އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ތާއީދު ދަ ޑިމޮކްރެޓްސްއަށް ލިބޭތާ ހަފްތާއެއްގެ ތެރޭ ރައީސް ޔާމީން ޖަލުން މިނިވަން ކުރާނެކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕޭނަށް ހުވަދު އަތޮޅަށް ވަޑައިގެން އެއަތޮޅު ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ފާއިތުވެފިޔަ ފަސް އަހަރުގެ ތެރޭގައި ރައީސް ޔާމީން މިނިވަން ކުރުމަށް ޕީޕީއެމްއަށް މާބޮޑު މަސައްކަތެއް ކުރެވިފައި ނުވާކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ކުރި މަސައްކަތުން އެމަނިކުފާނު މިނިވަން ނުވެދިއުމަކީ ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުންގެ އިހުމާލެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި، ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދާއި ވޯޓުވެސް އިލްޔާސް ލަބީބަށް ލިބިގެންދާތަން ފެންނަ ކަމަށެވެ.
ޕީޕީއެމަށް އެ މަސައްކަތް ކުރެވޭނަމަ ރައީސް ޔާމީން ޖަލުގައެއް ނުހުންނަވާނެ. ރައީސް ޔާމީން ފަސް އަހަރު، މި ދައުރު އެކީ ޖަލުގައި އެ ހުންނެވީ މިއަދު ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި އެތައް ބޭފުޅުންނެއް އެގޮތަށް އެކަން އޮތުމަށް އެދިވަޑައިގެން ތިއްބެވީ. ޕީޕީއެމް މެމްބަރުންނަށް ޔަގީންކޮށް އަރުވަން ތިބޭފުޅުން އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ކުރުމަށް އަޅުގަނޑާއި އެއްބަސްވެ ސޮއި އަޅާތާ ހަފްތާއެއްތެރޭ މާލޭ މަގުމަތީގައި އަބަދު އުޅެގެން ވެސް ރައީސް ޔާމީން ގެއަށް ގެނެސްދޭނަން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ދެން އުފެދޭ ސަރުކާރެއްގައި ޔާމީނަށް އެއްވެސް ފަހި ފުރުސަތެއް ނެތިގެންދާތަން ޕީޕީއެމްގެ އެތައް މެމްބަރުންނަކަށް ފެންނަމުންދާ ކަމަށާއި އޭގެ ސަބަބުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ވޯޓު ދޭން ޕީޕީއެމްގެ އެތައް މެމްބަރުންނެއް ތައްޔާރުވަމުންދާ ކަމަށެވެ.
ރައީސް ނަޝީދު ވަނީ މިޖަލްސާގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުންވެސް ވަރަށް ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފައެެ. ޚާއްސަކޮށް ދަރަނި އިތުރު ވުމާއި، ޑޮލަރުގެ އަގު އުފުލުމާއި، ތަކެތީގެ އަގު އިންތިހާއަށް އުފެލެމުންދާ ދިއުމަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ދޯހަޅިވުމުން ވަމުންދާ ކަންތައްތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ