ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޖެހިދާނެ ކަމަށް ބަލައި، ކުށުގެ ރެކޯޑު ސާފު ކުރެއްވުމަށް ހުށަހަޅުއްވައިފިއެވެ.
އިދިކޮޅު ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވައި، އީސީއަށް ފޯމު ހުށަހެޅުއްވީ ރައީސް ޔާމީންނެވެ. ނަމަވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާތީ ރައީސް ޔާމީން ޝަރުތު ހަމަނުވާކަމަށް ވަނީ ނިންމާފައެވެ. މިމައްސަލަ މިހާރު ސްޕްރީމް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވިއްޖެނަމަ، ޕީޕީއެމުން ކެނޑިޑޭޓަކު ނެރުމަށް ވަގުތު ދިނުމުގެ އަމުރަކަށްވެސް އެދިފައެވެ.
ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރެއްވުމަށް ޑރ.ވަހީދު ވަނީ މިއަދު ކުށުގެ ރެކޯޑު ސާފު ކުރެއްވުމަށް ހުށަހަޅާފައެވެ. ޑރ ވަހީދު ކުށުގެ ރެކޯޑު ސާފުކުރައްވަން ހުށަހެޅުއްވިއިރު ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައި އޮންނަ ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓު މިއަދު އިއުލާނު ކުރައްވާފައެވެ. އެއީ މެންބަރު ހުސެން މުހަންމަދުއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންގެ ލީޑަރޝިޕްގައި ކެނޑިޑޭޓެއްގެ މައްސަލަ ބޮޑުވެގެންދާނީ ސްޕްރީމް ކޯޓުން ރައީސް ޔާމީނަށް ކުިރމަތި ނުލެވޭނެކަމަށް ނިންމާ ހިސާބުން ކަމަށް ބެލެވެއެވެ.
އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެއެވެ. އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުލުން އޮންނާނީ އަންނަ ބުދަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ