ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެންމެ 38 ދުވަހަށް ވެފައިވާއިރު، މިއަހަރުގެ ރިޔާސީ އިންތިޚާބު ވެގެން ދަނީ ވަރަށް ގިނަ ގޮތުން ފާހަގަ ކޮށްލެވޭ އިންތިޚާބަކަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ، ރިޔާސީ އިންތިޚާބަށް އެންމެ މަހަކަށް ވެފައިވާއިރު، ސަރުކާރު ހިންގާ އެމްޑީޕީ ފިޔަވާ އެހެން އެއްވެސް ޕާޓީއަކުން އަދި މިހާތަނަށް އެކަށީގެންވާ ކެމްޕޭނެއް ކުރަމުން ނުދިއުމެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލާނޭކަން އިއުލާން ކޮށްފައިވާ ޕާޓީތަކުގެ ތެރެއިން، އެމްއެންޕީން އެޕާޓިގެ ދަތުރުތައް ބައެއް ރަށްތަކަށް ކުރަމުންދިޔަ ނަމަވެސ،ް އެޕާޓީ ފިޔަވާ އިދިކޮޅު ފިކުރުގެ އެހެން އެއްވެސް ޕާޓީއަކުން އެމިންވަރަށްވެސް ކެމްޕޭން ހަރަކާތްތައް ހިންގަމުންނެއް ނުދެއެވެ.
މިގޮތުން، އިދިކޮޅު އެންމެ ބޮޑު ޕާޓީ އަދިވެސް އޮތީ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ކޮބައިކަން ނޭގި، ސުޕްރިމް ކޯޓުގައި މިހާރު ކުރިޔަށްދާ، ރައީސް ޔާމިންގެ ކެނޑިޑަސީއާއި ގުޅޭ ދުސްތޫރީ މައްސަލައަށް އެކަނި ހުރިހާ ފޯކަސްއެއް ހުއްޓުވައިގެންނެވެ.
ރައީސް ޔާމިން ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް އައްޔަން ކުރެއްވި ނަމަވެސް، އަދި އިންތިޚާބުގައި ރައީސް ޔާމިނަށް ވާދަ ނުކުރެއްވޭ ހާލަތެއް އަތުވެއްޖެނަމަ، ބެކަޕް ކެނޑިޑޭޓެއްގެ ގޮތުގައި، ޕީއެންސީގެ ރިޔާސީ ޓިކެޓް ޑރ. މުއިއްޒުއަށް މިހާރު ކަށަވަރު ކުރެއްވިފައި ވިނަމަވެސް، މިއިން އެއްވެސް ބޭފުޅަކަށް އަދިވެސް އިދިކޮޅު ޓިކެޓްގައި ވާދަކުރެއްވިދާނެކަމާމެދު އުފެދިފައިވާ ޝައްކުތައް ފިލައިގެން ގޮސްފައެއް ނުވެއެވެ.

ނަތީޖާއެއްގެ ގޮތުން، އިދިކޮޅު އެކްޓިވިސްޓުން އަދިވެސް ތިބީ ވާނުވާގައެވެ. ބޮޑު އޮޅުމެއްގައެވެ. ސިޔާސީ އެއްވެސް ހަރަކާތެއް ހިންގާންވެސް ނޭގިފައެވެ. ބަދަލެއް ގެނައުމުގެ އުއްމީދުގައި ތިބި އެތައް ބަޔަކު އަދިވެސް ތިބީ މާޔޫސްކަމާއި މޮޅިވެރިކަމުގައެވެ.
ސުޕްރިމް ކޯޓުގެ ހުކުމް، ޔާމިނަށް ވާދަކުރެވުމާއި ނުކުރެވުމުގެ ސުވާލު!
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭކަން މިހާތަނަށް އިއުލާން ކޮށްފައިވާ ކެނޑިޑޭޓުންގެ ތެރެއިން، ރައީސް ސާލިހާއި ވާދަކުރުމުގެ ސިޔާސީ ހަކަތައެއް ހުރިހަ ހަމައެކަނި ކެނޑިޑޭޓަކީ ރައީސް ޔާމިން ކަމާމެދު މިހާރު އެއްވެސް ޝައްކެއް ނެތްކަމުގައި ދަންނަވާން ޖެހެއެވެ. އެއީ އާންމު ރައްޔިތުންގެ ރޫޙު ހުރިގޮތާއި، ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ މީހުންގެ ނިސްބަތަކަށް ބަލާއިރު، މިހާރު ކަށަވަރުވެ ޔަގީން ކުރެވިފައިވާ ކަމެއްވެސް މެއެވެ.
އެހެންނަމަވެސް، އެހަތަކަ އިދިކޮޅު ޕީޕީއެމްގައި ހުއްޓެއް ކަމަކު، އިދިކޮޅު ޕާޓީގެ ރިޔާސީ ކެނޑިޑޭޓު އަދިވެސް އޮންނެވީ ޖަލުގައެވެ. ގެންދަވަނީ 11 އަަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ނަތީޖާއެއްގެ ގޮތުން، ގާނޫނު އަސަސީގައި، ރިޔާސީ އިންތިޚާބުގެ ކެނޑިޑޭޓަކަށް ވުމަށް އޮތް ޝަރުތުތަކުގެ ތެރެއިން ބައެއް ޝަރުތުތައް އުނިވާތީ، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި، ރައީސް ޔާމިންގެ ކެނޑިޑަސީ ފޯމު އެކޮމިޝަނުން ބަލައި ނުގަތުމާއެކު، މައްސަލަ މިހާރުވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރިމް ކޯޓަށް ހުށަހަޅާފައެވެ. އަދި މި މައްސަލާގެ ފުރަތަމަ އަޑުއެހުން ސުޕްރިމް ކޯޓުން މިއަދަށް ވަނީ ތާވަލްވެސް ކޮށްފައެވެ.
އެހެންނަމަވެސް، ސުޕްރިމް ކޯޓުންވެސް، ރައީސް ޔާމިނަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚަބުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެން ހިގައިދާނެކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އޭގެ އެއް ސަބަބަކީ، ރައީސް ޔާމިންގެ ކިބައިން އުނިވާކަމަށް ބުނާ ޝަރުތު، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ލިޔެވި ވަރަށް ސާފުކޮށް ބަޔާން ކޮށްފައި އޮތުމެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުމުގެ އަދަބު މާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައި ވާން ވާނެ ކަމަށެވެ. ހަމަ އެއާ ވިދިގެން (ކ) ގައި ބުނެފައި ވަނީ (ޅ) ގައި އެހެން އޮތް ކަމުގައި ވިޔަސް، އެމީހަކީ އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވާ މީހަކު ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ރައީސް ޔާމިން ފުރުއްވާފައިވާ ކުށުގެ ރެކޯޑު ސާފުކުރާ ފޯމުން އެގެން އޮންނަ ގޮތުގައި، ރައީސް ޔާމިންއަކީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް (11 އަހަރުގެ ހުކުމް) އައިސްފައިވާ މީހެކެވެ. އަދި، މި ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނާތީ، މި އަސާސްތަކުގެ މައްޗަށް ބިނާކޮށް، އިލެކްޝަންސް ކޮމިޝަނުންވަނީ ކެނޑިޑޭޓަަކަށް ވުމުގެ ޝަރުތު ރައީސް ޔާމިންގެ ކިބައިގައި ފުރިހަމަ ނުވާކަމަށް ނިންމާފައެވެ.
އެހެންނަމަވެސް، އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕުން މި އުޒުރު ގަބޫލެއް ނުކުރެއެވެ. އިދިކޮޅު ޕާޓީގެ ހުއްޖަތަކީ ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ "ނިހާއީ" ހުކުމަކަށް ނުވުމެވެ. ނިހާއި ހުކުމަކަށް ޝަރުއީ މަރުހަލާގެ ތެރެއިން ވާސިލްވެވޭނީ ސުޕްރިމް ކޯޓާ ހަމައިންކަމަށް ވާތީ، ޔާމިންގެ ގާނޫނީ ވަކީލުން ވިދާޅުވަމުން ގެންދަވަނީ، ހައިކޯޓުގައި ހިގަމުންދާ ޝަރީއަތުގެ މަރުހަލާ ނުނިމި އޮތުކަމީ ރައީސް ޔާމިންގެ އިންތިޚާބީ ހައްގަކުން މަހުރޫމު ކުރެވެންޖެހޭ ސަބަބެއް ނޫންކަމުގައެވެ.
އެހެންނަމަވެސް ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު އެއް ނުކުތާއަކީ، މި އަސާސްގެ މައްޗަށް ބިނާކޮށް، އިދިކޮޅު ލޯޔަރުން މިހާތަނަށް ސުޕްރިމް ކޯޓަށް ވެއްދި ދެ މައްސަލަވެސް އެ ކޯޓުން ބަލައިގެންފަ ނުވާކަމެވެ.
އަދި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނާންޖެހޭކަމަށް ބުނާ ޝަރުތުތަކުގެ ތެރޭގައި، "12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުމުގެ އަދަބު މާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައި ވާން ވާނެ" ކަމަށް ބުނާ ޝަރުތުގެ ތެރޭގައި "ނިހާއީ ހުކުމެއް"ގެ ވާހަކަ އައިސްފައި ނުވާކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ.
މި މާއްދާގައި އޮތީ ހުކުމެއްގެ ވާހަކައެވެ. އެއީ ޝަރުއީ ކޯޓަކުން އެމީހެއްގެ މައްޗަށް ކުރާ ހުކުމެއްގެ ވާހަކައެވެ. ދަށު ކޯޓުން ރައީސް ޔާމިންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު "ހުކުމެއް" ކޮށްފައެވެ. އަދިވެސް ގެންދަވަނީ އެހުކުމް ތަންފީޒު ކުރައްވަމުންނެވެ.

އަދި ގާނޫނީ އުސޫލުތަކުން ތެރެއިން، ހަމަ މި ބީދައިން ހުކުމްކޮށް، ނިހާއީ ހުކުމަކާއި ހަމައަށް ދިއުމާއިހަމައަށް، ދަށު ކޯޓުގެ މަރުހަލާގައި ކުށްވެރިންގެ ހައްގުތައް ހިފެހެއްޓިފައި އެބަހުއްޓެވެ. މިނިވަންކަމުގެ ހައްގާއި، އަދި އެނޫން ހައްގުތައްވެސް މެއެވެ. ގާނޫނު އަސާސީއަށް ބަލާއިރުވެސް، ހެދިފައިހުރި އެހެން ގާނޫނުތަކުން ހައްގުތައް ހިފެހެއްޓުމުގެ ފުރުސަތު އެކި ހައްގުތައް އެކި މިންވަރަށް ލިބިދީފައި އޮތްކަންވެސް މިފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ.
އެހެންކަމުން، ގާނޫނު އަސާސީގެ 109 ވަނަ މާއްދާއަށް ބަލާއިރު، އަދިވެސް ގިނަ ބަޔަކު ބުރވަަމުން ދަނީ، ސުޕްރިމް ކޯޓުގައި މިހާރު ކުރިޔަށްދާ ދުސްތޫރީ މައްސަލަ ނިމިގެންދާއިރު، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ޔާމިނަށް ގެއްލިގެންދާނެ ކަމުގައެވެ.
ރަނިން މޭޓުން ކަނޑައެޅުންވެސް ހުކުމަށް ބަރޯސާވެފަ!
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ ގިނަ ސިޔާސީ ލީޑަރުންގެ އެއްވެސް ރަނިންމޭޓަކު، ރައީސް ޔާމިންގެ ފިޔަވާ މިހާތަނަށް އިއުލާން ކޮށްފައެއް ނުވެއެވެ. އެހެންނަަމެވެސް، އެޕާޓީގެ "ބެކަޕް ކެނޑިޑޭޓަކު" އައްޔަން ކުރުމާއެކު، މިހާރު ހުންނެވި ރަނިންމޭޓުގެ މުސްތަގުބަލާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ.
އޭގެ އިތުރުން، ރައީސް ސާލިހުގެވެސް، ޖުމުހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބުރާހިމްގެވެސް، އަދި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ކާނަލް ނާޒިމްގެވެސް ރަނިންމޭޓުން މިހާތަނަށް އިއުލާން ކޮށްފައެއް ނުވެއެވެ.

އާންމު އުސޫލުން ބަލާއިރު، ޕާޓީތަކުގެ ރަނިންމޭޓުން ކަނޑައަޅަނީ ޕާޓީތަކަށް މިހާރު އޮތް ތާއީދު އިތުރު ކުރެވޭނެ ފޯމިއުލާއަކަށް ވަރަށް ބޮޑަށް ބެލުމަށްފަހުއެވެ. އަދި އެއީ އިދިކޮޅުން ވާދަކުރާ ކެނޑިޑޭޓެއްގެ "ކޮމްބިނޭޝަން"އަށް ބެލުމަށް ކޮންމެ ޕާޓީއަކުންވެސް އިޚްތިޔާރު ކުރާ، އަދި ރާވާ ފޯމިއުލާއެކެވެ. އެފޯމިއުލާ ސާފުކޮށް އެނގި ހާމަވާން އޮތީ، ނުވަތަ ބިނާވާނީ ސުޕްރިމް ކޯޓުގައި މިހާރު ކުރިޔަށްދާ، ރައީސް ޔާމިންގެ ކެނޑިޑަސީއާއި ގުޅޭ މައްސަލާއިގެން އާޚިރު ނަތީޖާއަށެވެ.
އަދި، ވަކީން ޚާއްސަކޮށް، ރައީސް ސާލިހު އިޚްތިޔާރު ކުރައްވާ ރަނިންމޭޓަކު ވާންޖެހޭނީ، އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކާއި، އަދި ރަނިންމޭޓަކާމެދު ފުންކޮށް ވިސްނެވުމަށްފަހު ނެރުއްވާ ރަނިންމޭޓަކަށެވެ. އެއީ ތާއީދު އިތުރުކުރުމަށް ރަނިންމޭޓެއްގެ ދައުރު ވަރަށްވެސް މުހިންމު ވެގެންދާނެތީއެވެ. އެއީ ކޮންތަކަށް ނިސްބަތްވާ މީހެއްތޯ، ކިހާ ފެންވަރެއްގެ، ކޮންކަހަލަ މާޒީއެއް އޮތް މީހެއްތޯ މިނެކިޔާ އެންމެވެސް ވަޒަން ކުރާނެއެވެ.
އެހެންކަމުން، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅުންހުރި ހުރިހާ ކަމެއްވެސް މިވަގުތަށް ހުއްޓިފައި އޮތީ ސުޕްރިމް ކޯޓުގައި މިހާރު ކުރިޔަށްދާ ދުއްތޫރީ މައްސަލާގެ ނަތީޖާއަށް ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
ކޮމެންޓު ފޮނުވާ