ހަޔާތުގައި ދިމާވި އެކިކަހަލަ އަޑިގުޑަންތަކަށް ފަހު ތިންކުދިންނާއެކީ މާޒީ ހަނދާންނައްތަން މަސައްކަތް ކުރަމުން ހިތްވަރާއެކު ދިރިއުޅުން އާރާސްތު ކުރަން މަސައްކަތް ކުރަމުން ދިޔަ އަންސާރާގެ ހަޔާތަށް މި ބަނަވިލާގަނޑުގެ ހިޔަނި އެޅުނީ މީގެ ފަސްއަހަރު ކުރިންނެވެ. ގޮތްނޭނގޭ ބަނޑެއްގައި ރިއްސައި ހުމެއް އަންނާތީ ޑޮކްޓަރަށް ދެއްކުމުން އޭގެ ދުވަސްކޮޅެއް ކުރިން އެއްވެސް އޮޕަރޭޝަނެއް ކުރިތޯ ބަލައި އޮޅުން ފިލުވަން ޖެހުނެވެ.
އޭގެ ދުވަސްކޮޅެއް ކުރިން ހެއްދި ބައޮޕްސީއާއި އެކަމަށް ދިން ބޭސް އަންސާރާގެ މުޅި ދިރިއުޅުން އަނދިރިކޮށްލީއެވެ. ގަދަފަދަ ބޭހުގެ ސަބަބުން ކިޑްނީއަށް ބާރުބޮޑުވެ ދެކިޑްނީ އެއްކޮށް ފެއިލްވިކަމުގެ ބިރުވެރި ޚަބަރު ލިބުނުއިރު އަންސާރާގެ އެކަނިވެރި ހަޔާތުގެ އެހީތެރިންނަކަށް ތިބީ ކުޑަކުދިންކޮޅެވެ. ކިތަންމެ ބޮޑު އާއިލާއެއް އޮތަސް އަންސާރާއަށް އެހީވާނެ އަތެއް ރަހުމު ކުރާނެ ހިތެއް ނެތެވެ.
ހިލޭ ކިޑްނީ ދޭކަށް ގާތް މީހަކުވެސް އެއްބަހެއް ނުވިއެވެ. އަދި ކިޑްނީ ގަތުމަކީ އަންސާރާ ފަދަ އަންހެނަކަށް ކުރެވޭނެ ޚަރަދެއްވެސް ނޫނެވެ.
އެހާލުގައިވެސް ކުދިން ސުކޫލަށް ލައި ހޯދުމާއި ޓިއުޝަނަށް ގެންގޮސް ގެނެސް ހެދުމުގައި އަންސާރާ ދިޔައީ ކިރިޔާ ކެތްކުރެވޭ، ނުކުރެވޭ ވަރަށް ވޭނުގައިވެސް ހިތްވަރު ކުރަމުންނެވެ. އަންސާރާ އެންމެ ބޮޑަށް ހާސްވެ ދެރަވަނީ އޭނާއަށް އެއްވެސް ގޮތެއް ވެއްޖެނަމަ ކުދިންނަށް ވާނެ ގޮތަކާމެދު ވިސްނާފައެވެ.
ދެކިޑްނީ އެކުގައި ފެއިލްވުމަކީ ޒުވާން އުމުރުގައި އަންސާރާ ދިރިހުއްޓާ އުންމީދުތަކާއި އުފާތަކާ އެކުގައި ކަފުނުގައި ވަޅުލާން ޖެހުނު ހިތާމައެކެވެ. ޑައެލެސިސްގެ ފަރުވާއަށް ހޮސްޕިޓަލަށް ދިއުމާއި ގެއަށް އައުމުގައިވެސް އަންސާރާއަށް އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބެއެވެ. ގިނަ ދުވަހު ގޮސްއައިސް ހަދަނީ އެކަނިމާއެކަންޏެވެ. ބައެއް ދުވަސްދުވަހު އޭނައަށް ކިރިޔާވެސް އަޅާލުމާއި އެހީއެއްވެދޭ އޭނާގެ ދޮށްޓަށް ހުރި ފުރާވަރަށް އަރަމުން އަންނަ ދަރިފުޅު އޭނާއާއެކުގައި ހޮސްޕިޓަލަށް ގޮސް ހަދައެވެ. ދެންތިބި ދެކުދިންނަށް އެވަރުގެ އެހީއެއްވެސް ވެވޭވަރަށްވުރެ އެކުދިން ކުޑައެވެ.

ޑައެލެސިސްގެ އެހީގައި މިންވަރަށް ޝުކުރުކޮށްލައިގެން އަލިމަގެއް ފެނޭތޯ އުންމީދު ކުރަމުން އައި އަންސާރާއަށް އިންތިހާއަށް އުފާވެރި ހަބަރެއް ލިބުނީ މީގެ ދެމަހެއްހާ ދުވަސް ކުރިންނެވެ. ކިޑްނީއެއް ލިބުނީއެވެ. ކިޑްނީއެއް ލިބުނަސް އެ ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ރާއްޖެއިން ބޭރަށް ދާނެ އެއްވެސް މަގެއް ފަހި ނުވިއެވެ. މިފަދަ ފުރުސަތު އަތުން ބީވެ ހިނގައްޖެނަމަ ދެން މިފަދަ ފުރުސަތެއް ނުލިބި ދެރަ ގޮތެއް ވެއްޖެނަމަ އޭނާގެ ކުދިންކޮޅަށް ވާނެގޮތަކާމެދު ކަންބޮޑުވެ ހާސްވެފައިވާ އަންސާރާގެ އާދޭހުގެ އަޑުއައްސަވާށެވެ.
އައްޑޫސިޓީގެ ހިތަދޫ ނަޝީދީގެއަށް އުފަން އަންސާރާ އަހުމަދަށް ލިބިފައިވާ މި ކިޑްނީގެ ޓްރާންސްޕްލާންޓަށް ރާއްޖެއިން ބޭރަށް ދިއުމަށް އޭނާއަށް ދީލަތު އެހީއެއް ވެދެއްވާށެވެ.
އަންސާރާއަށް އެހީވުމަށް ފައިސާ ޖަމާ ކުރައްވާނީ:
MVR 7708505270101 އަންސާރާ އަހުމަދު
USD 7770000031521
އިތުރު މައުލޫމާތު ހޯއްދެއްވަށް ،7203911
ކޮމެންޓު ފޮނުވާ