ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު މިމަހު އިއުލާންކުރެވޭތޯ މަސައްކަތް ކުރަނީ

ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު މިމަހު އިއުލާންކުރެވޭތޯ މަސައްކަތް ކުރަނީ

Author
މުޙައްމަދު ޝަޒައިމް
17 ޖުލައި 2023 06:58
0

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު މިމަހުގެތެރޭގައި ނެރުމަށް މަސައްކަތް ކުރަމުންދާކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް ވިދާޅުވީ ގެދޮރުވެރިޔާގެ ޕްރޮގްރާމްގެ ދަށުން ފްލެޓްތަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ލިސްޓް ނެރޭނީ ކިހާތަކުތޯ ނޫސްވެރިން ސުވާލުކުރެއްވުމުން އަޅުގަޑު ދަންނަވާފައި ވާނީ "މި މަސައްކަތް ކުރަނީ މިމަސް ނިމުމުގެކުރިން ލިސްޓް ނެރެވޭތޯ" ކަމުގައެވެ. އޭނާ މިހެން ވިދާޅުވީ ބައެއް މީޑިއާތަކުން މިމަހު ލިސްޓު ނެރޭނެކަމަށް އޭނާއާއި ހަވާލާދީ ރިޕޯޓް ކޮށްފައިވާތީއެވެ.

މާލޭގައި ތޮއްޖެހުން ކުޑަކޮށް، އެންމެ ބޭނުންވެފައިވާ ޢާއިލާތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިއީ ސަރުކާރުގެ ފަހި ދިރިއުޅުން ކޯރޕަރޭޝަނުން އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެންނެވެ.

ސަރުކާރުގެ "ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ އެ 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ 2 ކުންފުނިކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެން.ބީ.ސީ.ސީ ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްޤީކުރަމުންނެވެ.

މިފެލްޓަތަކުގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓާއި 2 ކޮޓަރީގެ އެޕާޓްމަންޓެވެ. ކޮނެމް އެޕާޓްމަންޓެއްވެސް ތަރައްޤީކޮށްފައިވަނީ ރައްޔިތުންނަށް ލުއިފަސޭހަ ވާނެގޮތަށް، ޖާގަ ތަނަވަސް އަދި ޒަމާނީ ފެންވަރަށެވެ. މި 4000 ހައުސިން ޔުނިޓްގެ ޑިޒައިން މަރުހަލާގައިވެސް އެންމެ ބޮޑަށް އިސްކަން ދީފައިވަނީ، އެންމެ ފުރިހަމަ އަދި ހުރިހާ ގޮތަކުންވެސް ތަނަވަސް ތަނެއް ތަރައްޤީކުރުމަށްކަމަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.