ދަ ޑިމޮކްރެޓްސް އާއި ރޭ ގުޅިވަޑައިގަތް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައިޒު ދަނީ ދުވަހެއް ދުވަހަކަށް ކުޑަވަމުން ކަމުގައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރޭ ދަ ޑިމޮކްރެޓްސް އަށް ނަޝީދު ސޮއި ކުރުމަށް ބޭއްވި ޖަލްސާގެ ފޮޓޯއަކާއި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގެ ފޮޓޯ ހިއްސާ ކުރައްވައި ކުރެއްވި ޓުވީޓުގައެވެ. އެއްތަނެއްގައި ބޭއްވި މިދެޖަލްސާ އަޅާ ކިޔަމުން އިސްމާއިލް ވިދާޅުވީ މިފޮޓޯއިން ސައިޒު ކުޑަވާ މިންވަރު ފެންނަކަމަށެވެ.
އޭނާ ވިދާޅުވީ ރޭގެ ޖަލްސާއަށް އުންމީދު ކުރި ވަރާއި ގާތަށްވެސް މީހުން ނުދިއުމުން ރައީސް ނަޝީދު ކޯފާވާނެކަމަށެވެ. ނަމަވެސް ކައިރީގައި ވަށައިގެން ތިބި މީހުން ދައްކާ މަންޒަރަކީ އަސްލު މަންޒަރެއް ނޫންކަން ނަޝީދަށް މިހާރު ސާފުވާން ޖެހޭކަމަށް އިސްމާއިލް ވިދާޅުވިއެވެ.
އެތައްދުވަހުގެ އާދޭސް އިއުލާނުތަކަށްފަހު ބޭއްވި ޖަލްސާގައި 750 ހަމަނުކުރެވުމަކީ ދެރަވިކަމެއް! ކާރީގައި ތިބޭމީހުން ދައްކާ ވާހަކައާއި އަދަދު ދިމާނުވީމަ ދެން އިސްކުރެވޭނީ ރުޅި! މަނަމަވެސް ނައްޓާނެ! ގަބޫލުކުރަން ބޭނުންނުވިޔަސް ސައިޒު އައްނަނީކުޑަވަމުން! އަދިވެސް ހޭއަރަން ނުވޭތޯ.
– އިސްމާއިލް ވިދާޅުވިއެވެ.
އެތައްދުވަހުގެ އާދޭސް އިއުލާނުތަކަށްފަހު ބޭއްވި ޖަލްސާގައި 750 ހަމަނުކުރެވުމަކީ ދެރަވިކަމެއް!
ކާރީގައި ތިބޭމީހުން ދައްކާ ވާހަކައާއި އަދަދު ދިމާނުވީމަ ދެން އިސްކުރެވޭނީ ރުޅި! މަނަމަވެސް ނައްޓާނެ!
ގަބޫލުކުރަން ބޭނުންނުވިޔަސް ސައިޒު އައްނަނީކުޑަވަމުން!
އަދިވެސް ހޭއަރަން ނުވޭތޯ⁉️ pic.twitter.com/Q8RWloD5dM— Ismail Ahmed (@N4Isse11) July 13, 2023
ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި، އެ ޕާޓީ ރޫޅާލާއްވާނެ ކަމަށެވެ. "އެމްޑީޕީ ރޫޅާލާނަން. ރޫޅާނާލާން. ތި ކެޔޮގަނޑުގެ ފޫ ވައް ވެއްޓިއްޖެ. ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން،" ވަރަށް ކުރުކޮށް ދެއްކެވި ވާހަކަ ނިންމަވާލައްވަމުން ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ ވަކި ފެކްޝަނެއްގެ ގޮތަށް އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ހިންގުމަށްފަހުއެވެ. އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހިޔާލު ތަފާތުވެފައިވާއިރު، ޕްރައިމަރީގައި ވެސް ރައީސްއާ ވާދަކޮށް ނަޝީދަށް ލިބިވަޑައިގެންނެވީ ނާކާމިޔާބީއެވެ.