ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕޭނުގައި ބައިވެރިވެ ވަޑައިގެންފިއެވެ.
ވެރިކަން ކުރާ ކޯލިޝަންގައިި ހިމެނޭ އެމްއާރުއެމްގެ ސްލޮޓްގައި ހަޔަރއެޑިކޭޝަން މިނިސްޓަރުކަން ކުރައްވާ ޗަބީއަކީ މިހާތަނަށް ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ ވަޒީރުންގެ ތެރެއިން ރައީސް ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން ތާއީދުކުރިކަމަށް އިއުލާން ނުކުރައްވާ މަދު ވަޒީރުންގެ ތެރޭގައި ހިމެނޭ ވަޒީރެކެވެ.
ރައީސް ޞާލިހުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ށ.އަތޮޅަށް ކުރި ދަތުރުގައި ޗަބީ ބައިވެރިވެފައިވަނީ ރައީސް އޮފީހުން އަންގައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާ ބައިވެރިވީ ރައީސަށް ތާއީދު ކުރާތީކަމެއް އަދި މިހާތަނަށްވެސް ހާމަ ކުރައްވާފައިނުވެއެވެ.
މިސަރުކާރުން އެންމެ ބޮޑަށް ނަތީޖާ ނެރެވުނު އެއްވުޒާރާ ކަމުގައިވާ ހަޔަރއެޑިއުކޭޝަން މިނިސްޓަރުކަމުގައި އޭނާ ވަނީ މަތީ ތައުލީމަށް ގިނަ ފުރުސަތުތައް ފަހިކޮށް، ސަރުކާރުގެ ސިޔާސަތުގައިވާ ހިލޭ ޑިގްރީ ޕްރޮގުރާމާއި، ބޭރުގެ ސްކޮލާޝިޕް ޕްރިގުރާމުތަކުގައިވެސް ދިވެހި ޒުވާނުންނަށް ބައިވެރިވުމުގެ ގިނަ ފުރުސަތު ތަކެއް ހޯދާ ދީފައެވެ.
ޗަބީ ރައީސްގެ ކެމްޕެއިންގައި ބައިވެރިވިއިރު، އެމްއާރުއެމްއިން ރައީސް ޞާލިހަށް ތާއީދު ނުކުރަން ވަނީ ނިންމާފައެވެ. މިނިންމުމާއި ގުޅިގެން އެޕާޓީގެ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި ބައެއް މެމްބަރުން ވަނީ އެޕާޓީން ވަކިވެ ރައީސް ޞާލިހަށް ތާއީދު ކުރަން ނިންމާފައެވެ.
ކޮމެންޓު ފޮނުވާ