މިއަދު ބޭއްވުމަށް އެޖެންޑާ ކުރެވުނު ސިޓީ ކައުންސިލްގެ ޖަލްސާ ކައުންސިލްގަ ހިމެނޭ ބައެއް މެމްބަރުން ގަސްތުގަ ކޯރަމް ގެއްލުވާލުމުގެ ސަބަބުން ނުބޭއްވި ކެންސަލް ވެއްޖެއެވެ.
"ޙަބަރު އޮންލައި" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ބޭއްވުމަށް އެޖެންޑާ ކުރި ސިޓީ ކައުންސިލްގެ ޖަލްސާގެ ކޯރަމް ގެއްލުވާލީ ޕީޕީއެމްއަށް ނިސްބަތްވާ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަހުމަދު އައިފާންއެވެ.
އޭނާ ކައުންސިލްގެ ކޯރަމް ގެއްލުވާލާފައި ވަނީ، ޖަލްސާއަށް އެޖެންޑާ ކުރުމަށް އޭނާ ހުށަހެޅި ހުށަހެޅުން އެޖެންޑާ ނުކުރުމުން އެކަމާ ހިންހަމަ ނުޖެހިގެން ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. އެހެންނަމަވެސް އޭނާގެ ހުށަހެޅުން އެޖެންޑާގައި ހިމެނުމަށް އެދިފައިވަނީ، ޖަލްސާއެއްގައި އެޖެންޑާ ކުރުމަށް ބޭނުންވާ މައްސަލައެއް ސެކެޓްރިއޭޓަށް ހުށަހެޅުމަށް ގަވާއިދުގައި ބަޔާން ކޮށްފައި އޮންނަ 72 ގަޑިއިރުގެ މުއްދަތު ފާއިތުވެދިޔަ ފަހުންކަމަށްވެސް އެނގިފައި ވެއެވެ.
"ޚަބަރު އޮންލައިން" އަށް އެނގިފައިވާ ގޮތުގައި، ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގެ ކޯރަމް ގެއްލުވާލާފައިވަނީ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއުއާއި ކައުންސިލް މެމްބަރު އަހުމަދު އައިފާން ގުޅިގެންނެވެ.
ސިޓީ ކައުންސިލްގެ ގަވާއިދު ހަމަޖެހިފައި އޮންނަ ގޮތުން 35،000 ރުފިޔާއަށް ދަށުން ކުރާންޖެހޭ ޚަރަދުތައް އޮންނަ އުސޫލުގެ ދަށުން، ކައުންސިލަށް ހުށަ ނާޅާ ކުރުމުގެ އިޚްތިޔާރު ކައުންސިލްގެ ސެކެޓްރީޖެނެރަލްއަށް ލިބިފައި އޮވެއެވެ. އެހެންނަމަވެސް އައިފާންއާއި ޝުޖާއާއި ދެބޭފުޅުން މަސައްކަތް ކުރަމުންދަނީ، ކައުންސިލުން ކުރާންޖެހޭ މިފަދަ ޚަރަދުތައްވެސް ކައުންސިލުން ފާސްކޮށްގެން މެނުވީ ނުކުރެވޭގޮތަށް އުސޫލުތައް ބަދަލު ކުރުމަށްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް މިއީ ކައުންސިލް ހިންގުމަށް ގިނަ ދަތިތަކެއް ކުރިމަތިވެގެންދާނެ ބަދަލެއްކަމަށްވެސް އެނގިފައި ވެއެވެ.
ދާދިފަހުން މޭޔަރ މުއިއްޒުވަނީ، މާލޭ ސިޓީ ކައުންސިލުން ނިންމާންޖެހޭ ބޮޑެތި ކަންކަން ނިންމުމުގެ ގިނަ ބާރުތަކެއް ދޫކޮށްލައްވާ، ކޮމިޓީތަކުން އެފަދަ ކަންކަން ނިންމައިގެން ތަންފީޒު ކުރުމުގެ ބަދަލުގައި ކަންއުންސިލްގެ ޖަލްސާގެ އައުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ބޮޑެތި ނިންމުންތައް ތަންފީޒު ނުކުރެވޭގޮތަށް ކައުންސިލްގެ އަސާސީ ގަވާއިދަށް ބަދަލު ގެނެސްފައެވެ.
ކޮމެންޓު ފޮނުވާ