ރާއްޖޭގެ އެންމެ އަގުބޮޑު ބިންތައް ޤާނޫނު އަސާސީގެ ރޫޚާއި ޚިލާފަށް ހިލޭ ބަހުމަށްފަހު، ފްލެޓްތަކުގެ ކުލީގެ އެއްބަސްވުމުގެ ވާހަކަ ނުދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިހެން ވިދާޅުވީ މާލޭ މީހުންނަށް ހުޅުމާލެ އާއި މާލޭ ސަރަހައްދުން ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ ސޯޝަލް ހައުސިންތަކެއްގެ ކުލި ދެއްކުން ހުއްޓާލަން މަޝްވަރާތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރުން ވަނީ ރާއްޖޭގެ ކެޕިޓަލް ސިޓީ ހިނެނޭ ސަރަހައްދުން 5،000 ގޯތި ހިލޭ ދިނުމަށް ނިންމާފައެވެ. މިކަމުގެ ކަންބޮޑުވުން އެންމެ ބޮޑަށް ފާޅު ކުރަމުންދަނީ ސަރުކާރުން އަޅާގފައިވާ ފްލެޓްތަކުގައި ކުލި ދައްކައިގެން ތިބި ރައްޔިންނެވެ.
މެމްބަރު އަލީ ހުސެއިންއަކީ ފެށުނީއްސުގެ ހިލޭ ގޯތި ދިނުމުގެ ސިޔާސަތާއި ދެކޮޅު ހަދާ މެމްބަރެކެވެ. އޭނާ މިއަދުވެސް ވިދާޅުވީ ޤާނޫނު އަސާސީގައިވާ ޢަދުލުވެރިކަމާ ހަމަހަމަ ކަމުގެ އުސޫލުތަކަށް ޢަމަލު ކުރެވެންޖެހޭ ކަމަށެވެ. ވަކި ރައްޔިތަކަށް ހިލޭ ގޯތި ދީފައި ވަކި ރައްޔިތުން އަގުދައްކައިގެން ބޯހިޔާވަހިކަން ކަށަވަރު ކުރެވޭގޮތަށް ސިޔާސަތު ބައްޓަން ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށެވެ.
އަހަރެމެން އެންމެން އެއްބަސްވީ ޤާނޫނު އަސާސީގައިވާ ޢަދުލުވެރިކަމާ ހަމަހަމަ ކަމުގެ އުސޫލުތަކަށް. އެ އެއްބަސްވުން ބޮލާލާ ޖަހާފަ، ވަކި ބަޔަކަށް ދައުލަތުގެ އެންމެ އަގުބޮޑު ބިންތައް ނުހައްގުން ހިލޭ ބަހާލާފަ ފްލެޓު ތަކުގެ ކުލީގެ އެއްބަސްވުމުގެ ވާހަކަ ނުދައްކާ.
– އަލީ ހުސެއިން ވިދާޅުވިއެވެ.
ސަރުކާރުގެ "ބިންވެރިޔާ" މަޝްރޫޢުގެ ދަށުން ދޫކުރާ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 10314 މީހަކަށް ގޯތި ލިބޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ފްލެޓާއި ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އިޢުލާންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެ މަސައްކަތްކުރިއަށްގެންދެވި ކޮމިޓީން ވިދާޅުވީ، ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި 15164 ފޯމް ހުށަހެޅިކަމަށާއި އެއީ 23088 މީހުންކަމަށެވެ. އޭގެތެރެއިން 12794 ފޯމު ޝަރުތު ހަމަވާކަމަށާއި، އޭގެ ތެރޭގައި ޝަރުތު ހަމަވާ 19857 މީހުން ހިމެނޭކަމަށް އެ ކޮމިޓީން ވިދާޅުވިއެވެ. އޭގެތެރެއިން މިފަހަރު ދޫކުރައްވާ 5000 ގޯތި 10314 މީހަކަށް ލިބޭކަމަށްވެސް އެ ކޮމިޓީން ވިދާޅުވެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދިޔަ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު ޢާއްމުކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާއްމުކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށަހަޅަން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ކޮމެންޓު ފޮނުވާ