އެމްއެންޑީއެފް އިން ވިދާޅުވީ، މާލެ އިން ފުރައިގެން ދަތުރު ކުރަމުންދިޔަ "ލީޖަން 7″ ނަމަކަށް ކިޔާ ލޯންޗަކަށް ރާޅެއް އަރައި، ދިޔަވަމުންދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 11:50 ހާއިރު ކަމަށެވެ.
އެމްއެންޑީއެފް އިން މައުލޫމާތުދިންގޮތުގައި، ލޯންޗަށް ރާޅު އަރާފައިވަނީ ރަންދެލި ރިސޯޓު ކައިރިންނެވެ. އަދި ލޯންޗު އެވަގުތު ރަންދެލި ރިސޯޓުގެ ފަޅަށް ވަދެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެމްއެންޑީއެފުން ބުނީ 30 މީހުންނާ އެކު މާލެއިން ފުރައިގެން ވެލިދޫއަށް ދަތުރުކުރި އެ ލޯންޗު ބަންޑުންޖަހާލީ ރާޅެއް އަރައި އަޑިއަށް ދިއުމުގެ ސަބަބުން ކަމަށެވެ. ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ލޯންޗް ބަންޑުން ޖަހާނީ މީހުން ސަލާމަތްކުރި ފަހުން ކަމަށް ވާތީ، މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރަމުންދާއިރު މި ދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވަރަށް މޫސުން ގޯހެވެ. މިހާރު ވެސް ހއ. އަތޮޅުން ފެށިގެން ތ. އާ ހިސާބަށް އޮތީ ވައިޓް އެލާޓް ނެރެފައެވެ.
30 މީހުންނާއެކު މާލެއިން ފުރައިގެން ނ.ވެލިދޫއަށް ދަތުރުކުރަމުންދިޔަ "ލީޖަން 7" ނަމަކަށްކިޔާ ލޯންޗަކަށް ރާޅެއް އަރައި އަޑިއަށްދިއުމުގެ ސަބަބުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި. pic.twitter.com/K1k8CFFJ8j
— Maldives National Defence Force (@MNDF_Official) June 25, 2023
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކުރާ ގޮތުގައި އެ ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލަށް ވައިގަދަވާނެ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
ކޮމެންޓު ފޮނުވާ