ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އެމްޑީޕީއާއި ގުޅުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ލިބިގެންދިޔަ އިތުރު ބާރެއް ކަމުގައި އެމްޑީޕީގެ އެންމެ އިސްލީޑަރު، އަދި ރިޔާސީ ކެނޑިޑޭޓް ރައީސް ޞާލިހު ވިދާޅުވެއްޖެއެވެ.
އަލުން އެމްޑީޕީއާ އޭނާ ގުޅިވަޑައިގަތީ ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭނާގެ ފޯމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައީސް ވިދާޅުވި ގޮތުގައި ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށް ލިބުނު ކުރިއެރުމެކެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ޖާބިރުގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށާއި އޭނާއަކީ ޒުވާނުންގެ ލީޑަރެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޖާބިރު ގުޅުމަކީ ސިޔާސީ މަސައްކަތަށް ލިބިގެންދިޔަ އިތުރު ހިތްވަރެއްކަމަށެވެ. އަދި ޖާބިރަކީ އިންތިޚާބު ކާމިޔާބު ކުރުމަށް ލިބިގެންދިޔަ މުހިންމު ބޭފުޅެއްކަމަށެވެ.
އަޅުގަނޑަށްހަމަ ޔަގީން ޖާބިރަކީ އަޅުގަނޑުމެންނަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް. ޖާބިރަކީ އިންތިޚާބު ކާމިޔާބުކޮށް، އިންތިޚާބު ކެމްޕެއިންގައިވެސް މުހިންމު ދައުރެއް އަދާކުރެއްވޭނެ ގާބިލް ބޭފުޅެއް.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޖާބިރު ވިދާޅުވީ ފެހި ޤާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ދެ ދައުރު ފުރިހަމަ ކޮށްފައި ނެތްކަމަށެވެ. ނަމަވެސް މިހާރުގެ ރައީސް ޞާލިހު ދެވަނަ ދައުރަކަށް ހޮވުމަށް އެމްޑީޕީއާއި ގުޅުނީ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ރާއްޖޭގެ ހަމަޖެހުމާއި، އިޤްތިޞާދީ ހަމަޖެހުން ގެނެސްދެއްވީ ވެރިއަކީ ރައީސް ޞާލިހުކަމަށް ގަބޫލު ކުރާކަމަށެވެ.
މިއީ އަޅުގަނޑަށް އާ ޕާޓީއެއް ނޫން. އަޅުގަނޑަށް ހަމަ ހީވީ އަޅުގަނޑުގެ ގެއަށް އާދެވުނުހެން. އަޅުގަނޑުގެ މުޅި އާއިލާއާއި، ހުރިހާ ހިސާބަކުން ތިބީ ރައީސް ޞާލިހު ދެވަނަ ދައުރަކަށް ހޮވަން.
– ޖާބިރު ވިދާޅުވިއެވެ.
އޭނާ ސޮއިކުރެއްވުމާ އެކު މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު 54 އަށް އެރީއެވެ. ޖާބިރަކީ މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން އެންމެ ތަފާތުގޮތަށް ހެދުން އަޅުއްވާ، އަދި ތަފާތު ސްޓައިލެއްގައި ވާހަކަ ދައްކައި، ބަސްމަގު ގެންގުޅުއްވާ ބޭފުޅެކެވެ.