ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރު، ވެރިކަން ކުރާ އެމްޑީޕީ އަށް ސޮއި ކުރައްވައިފިއެވެ.
ޖާބިރު އެމްޑީޕީ އަށް ސޮއިކުރައްވައި ފޯމު ހަވާލު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއިއެވެ. މިރަސްމިއްޔާތުގައި އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޖާބިރުގެ ގެއިން އެ އިމާރާތަށް ވަޑައިގެންނެވީ ހިންގަވައިފައެވެ. އަދި އެވަގުތު ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް "ހަބޭސް" އިން ވަނީ ބޮޑުބެރު ޖަހާފައެވެ. ޖާބިރު، އެމްޑީޕީ އަށް ސޮއި ކުރެއްވިއިރު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދާދި ފަހުން ވަނީ ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވައިފައެވެ. ފައްޔާޒް އެގޮތަށް ވިދާޅުވީ މަޖިލިހުގެ ނައިބު ރައީސް އީވާ މިދިޔަ ބުރާސްފަތި ދުވަހު މަޖިލިހުގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
އީވާ ވިދާޅުވީ އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމަކީ އެ ޕާޓީގެ ނިމުން ކަމަށެވެ. އަދި އަންނަ އަހަރުގެ މި ހިސާބުގައި އެމްޑީޕީގައި ދެން ހުންނަވާނީ ޖާބިރު ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
އީވާ އެ ފާހަގަ ކުރެއްވީ ފެހި ގާނޫނުއަސާސީ ވުޖޫދުވި ފަހުން އޭރު އޮތް އެންމެ ވަރުގަދަ ޕާޓީ، ޑީއާރުޕީ ފަނޑުވަމުން ގޮސް، އެ ޕާޓީ އުވާލުމާ ހަމައަށް އެ ޕާޓީގެ ޗެއާމަންގެ ގޮތުގައި ޖާބިރު ހުންނެވުމުން އެކަމަށެވެ. އޭރު އެންމެ ބޮޑު ޕާޓީ، ޑީއާރުޕީ ފަނޑުވެ އުވާލިއިރު ތިބީ 2،000 އަށް ވުރެ ގިނަ މެމްބަރުންނެވެ.
އެކަމަށް ރައްދު ދެއްވައި ފައްޔާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީން އެންމެންނަށް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ކޮންމެ ރަށެއްގެ އަދި ކޮންމެ އާއިލާއެއްގެ މީހަކަށް ވިޔަސް އެންމެ މަތީ މަގާމަށް ދެވޭނެކަން އެ ޕާޓީން ކަށަވަރުކުރާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
ޖާބިރު ވަނީ 2010 ވަނަ އަހަރު ވެސް އެމްޑީޕީ އަށް ސޮއި ކުރައްވައިފައެވެ. އެކަމަކު، އެ ޕާޓީއާ މެދުގައި ޖެހުނު މައްސަލަތަކެއްގައި އޭނާ ވަނީ ފަހުން އެ ޕާޓީ ދޫކުރައްވައިފައެވެ. އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީގައި ވެސް މަސައްކަތް ކުރައްވައިފައެވެ.