އިންތިޚާބަށް ހުޅުވާލަކީ 23 ޖުލައިން، 14 އޮގަސްޓަށް

އިންތިޚާބަށް ހުޅުވާލަކީ 23 ޖުލައިން، 14 އޮގަސްޓަށް

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2023 11:12
0

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގައިި ކުރިމަތިލާ ކެނޑިޑޭޓުންނަށް އެފުރުސަތު ޖުލައި މަހުގެ 23 ވަނަ ދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް އިއުލަން ކުރެއްވި ދުވަހު ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ ކެނޑިޑޭޓުންނަށް ކުރިމަތިލުމަށް ހުޅުވާލާ މުއްދަތަކީ ޖުލައި 23 އިން 3 އޮގަސްޓް އަށް ކަމުގައެވެ. ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއިއެކު މިމުއްދަތު ވަނީ 10 އިން 14 ދުވަހަށް ވަނީ ބަދަލު ގެނެވިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލާ މީހުންގެ އެޕްލިކޭޝަން، އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް، އީސީ އިން ބަލައިގަންނާނީ، ޖުލައި 23 ވާ އާދީއްތަ ދުވަހުން ފެށިގެން، އޮގަސްޓް 7 ވާ ހޯމަދުވަހު ގެ ނިޔަލަށް ކަމުގައެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނަށް، (އެޕްލިކޭޝަން ބަލައިގަތުުގެ މުއްދަތަށް) ގެނައި ބަދަލުގެ ސަބަބުން، ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީޚަށް ބަދަލެއް ނާންނާނެ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގެ މުހިންމު ތާރީޚުތައް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ، ގާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން ކަމަށްވެސް ހަބީބް ވިދާޅުވިއެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުލުން އޮންނާނީ، ކެމްޕޭން ކުރުމަށް ތިރީސް ދުވަސް ލިބޭގޮތަށް، އޮގަސްޓް 9 ވާ ބުދަދުވަހުއެވެ.

ރިޔާސީ އިންތިޚާބުގެ ޓައިމްލައިން:

* އިންތިޚާބު ބޭއްވުން (ފުރަތަމަ ބުރު) – 09 ސެޕްޓެމްބަރ
* ވޯޓާސް ލިސްޓް އާންމުކުރުން – 02 މެއި
* ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުން – 02 މެއި އިން 02 ޖޫން
* ރީ-ރަޖިސްޓްރޭޝަން މުއްދަތު – 16 ޖުލައި އިން 05 އޮގަސްޓު
* ޓްރައިނަރުން ތަމްރީން ކުރުން – 16 ޖުލައި އިން 21 ޖުލައި
* ކެނޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުން – 23 ޖުލައި – 07 އޮގަސްޓް
* އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުޞަތު ހުޅުވާލުން – 25 ޖުލައި އިން 13 އޮގަސްޓް
* ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން – 09 އޮގަސްޓް
* ކެނޑިޑޭޓުން ކެމްޕެއިން ކުރުމުގެ މުއްދަތު – 10 އޮގަސްޓް އިން 08 ސެޕްޓެމްބަރ
* ފުރަތަމަ ބުރުގެ ނަތީޖާ – 09 ސެޕްތެމްބަރުން ފެށިގެން
* އިންތިޚާބުގެ ދެވަނަ ބުރު – 30 ސެޕްޓެމްބަރ

ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެއެވެ. މިއީ މިފަހަރުގެ އިންތިޚާބުގައި އެތެރޭގެ ޕްރައިމަރީ ބާއްވަައި އިންތިޚާބުގައިވާދަކުރައްވާ ހަމައެކަނި ކެނޑިޑޭޓުވެސް މެއެވެ. ރައީސް ޞާލިހާ ބައިތު ހިފާފައިވާ ޕާޓީތަކަކީ އެމްޑީއޭއާއި، އަދާލަތު ޕާޓީއެވެ. ކެމްޕެއިން ދަތުރުތައް އީދު ބަންދަށްފަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯޯލިޝަންގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ރައީސް ޔާމީންނެވެ. އެކޯލިޝަނުން ވަނީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލު ކުރައްވާފައެވެ. އެމަނިކުފާނު ގެންދަވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ. މިހުކުމްގެ އިސްތިއުނާފް އަޑު އެހުންތައް ހައިކޯޓުގައި ދަނީ ކުރިއަށެވެ. މީގެ އިތުރުން ރ.ފުއްގިރި މައްސަލައިގެ ޝަރީއަތްވެސް ދަނީ ކުރިއަށެވެ. ރައީސް ޔާމީނަށް ކުރިމަތިލެވޭނީ ޖަލުހުކުމުން ސަލާމަތްވެވިގެންނެވެ.

ސަަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީންވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާ ރިޔާސީ ޓިކެޓް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް އަރުވާފައެވެ. އިންތިޚާބުގައި ދެން ވާދަކުރައްވާ ކެނޑިޑޭޓުންނަކީ އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމްއާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި، އެލްޖީއޭގެ ކުރީގެ ނައިބް ރައީސް ޝުޖާއު ހުސެއިންގެ އިތުރުން ކުރީގެ ބަންޑާރަ ނައިބް ޑރ.މުހައްމަދު މުނައްވަރެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.