ދިވެހި ޤައުމަށާއި ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ހެޔޮ ކަމަކީ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު އިސްކުރައްވަން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަލުން ރިޔާސަތާ ހަވާލުވެވަޑައިގަތް ބޭއްވި މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަމުންނެވެ. އިސްމާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ 54 މެމްބަރަކު ސޮއިކޮށް އަދި މަޖިލިސް ރައީސް ކަމުން ނަޝީދު ވަކި ކުރުމަށް 60 އަށްވުރެ ގިނަ މެމްބަރުން ވޯޓު ދެއްވަން ތައްޔާރަށް ތިބިއިރު، މަޖިލިސްގެ ރިޔާސަތުގައި ބަގުޑި ބައްދައިގެން އުޅުމަކީ ވަރަށް ޚުދުމުހުތާރު ގޮތެއް ކަމަށެވެ.
މަޖިލިސްގެ ރިޔާސަތުގައި ނަޝީދު އިންނަވަނިކޮށް ނަޝީދަށް އަމާޒުކޮށް އިސްމާއިލް ވަނީ ވަރަށް ބޮޑަށް ނަޝީދަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މަޖިލިސް ހުއްޓުވައި މަޖިލިސް ތެރެއިން އިދިކޮޅު މެމްބަރުން ކުރާ ހުރިހާ ކަމެއްގެ އަޑީގައި ހުންނެވީ ސީދާ ރައީސް ނަޝީދުކަމަށް އިސްމާއިލް ވިދާޅުވިއެވެ.
މަޖިލީހުގެ 54 މެންބަރުންގެ ސޮއިއާ އެކު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައި ވަނީ މި މަހު 7 ގަ އެވެ. އޭގެ ފަހުން ބޭއްވި އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ. ނަމަވެސް މިއަދު ޖަލްސާއެއް އެޖެންޑާކުރެއްވުމަށް ފަހު ނަޝީދު ވަނީ ރިޔާސަތާ ހަވާލުވެވަޑައިގެންފައެވެ.
އެމަނިކުފާނު އަލުން ރިޔާސަތާ ހަވާލުވެވަޑައިގަތް ސަބަބު ބަޔާން ކުރައްވަމުން ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތުމުން ރައްޔިތުން ކަންބޮޑުވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ރިޔާސަތު ބަލަހައްޓަވަމުން އައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވި ނަމަވެސް ހައްލެއް ނުލިބުނު ކަމަށެވެ.
މަޖިލީހުގައި މިއަދު އެޖެންޑާ ކޮށްފައި ވަނީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ތަމްސީލް ކުރެވޭ ނިސްބަތަށް ބަދަލު ގެނައުމާ މެދު މާދަމާ ބަހުސް ކުރުމެވެ. ބަހުސަށް ފަހު އިސްލާހު ހުށަހެޅުމަށް މުއްދަތެއް ދިނުމާއި އެ އިސްލާހުތަކަށް ވޯޓަށް އެހުން ދެންް އޮންނަ ޖަލްސާއެއްގައި އޮންނާނެ ކަމަށް އެޖެންޑާގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ