ގެދޮރުވެރިން ޕޯޓަލްގެ ޙިދުމަތް އީފާސް ތެރެއަށް

ގެދޮރުވެރިން ޕޯޓަލްގެ ޙިދުމަތް އީފާސް ތެރެއަށް

"ގެދޮރުވެރިން ޕޯޓަލް"ގެ ޚިދުމަތް އީފާސް މެދުވެރިކޮށް ދޭން ނިންމުމާއި ގުޅިގެން، ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު ޢާއްމުކުރަންވާއިރަށް، ޑިޖިޓަލް އައިޑީ އެޕް އަޅާ ރަޖިސްޓަރވުމަށް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މުވައްސަސާތަކުން ދެމުންދާ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އޮންލައިންކޮށްދެމުންދާ ޚިދުމަތްތައް ޤައުމީ ޑިޖިޓަލް އައިޑެންޓިޓީގެ ދަށުން ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ޚިދުމަތްތައް މިހާރުވެސް މީގެ ދަށުން ދޭންވަނީ ފަށާފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން މިހާރުވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މައި ޕޯޓަލްކަމަށްވާ "ގެދޮރުވެރިން ޕޯޓަލް"ވެސް މި ޑިޖިޓަލް އައިޑެންޓިޓީގެ ތެރެއަށް ލާފައެވެ. އެހެންކަމުން މިމަހު ޢާއްމުކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި ގޯތި ލިބުނު ފަރާތްތަކުން ގެދޮރުވެރިން ޕޯޓަލްއަށް ވަނުމަށް އީފާސް ބޭނުންކުރުމަށް އެމިނިސްޓްރީއިން އެދެއެވެ.

ގިނަ ފަރާތްތަކަކުން އެއްފަހަރާ ޕޯޓަލް ބޭނުން ކުރާ ވަގުތުތަކުގައި ޓެކްނިކަލް މައްސަލަތައް ދިމާވާނެކަަމަށް ލަފާކޮށް ދުރާލާ އެޕްލިކޭޝަން އެޅުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެޕްލިކޭޝަން އެޅުމުގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެން.ސީ.އައި.ޓީގެ ހޮޓްލައިން 1551 މެދުވެރިކޮށް އެ އިދާރާގެ މުވައްޒަފުންގެ އެހީތެރިކަން ލިބިގެންދާނެކަމަށެވެ.

އީފާސްގެ އައު ފީޗާރސްތަކާއެކު، ކޮންމެ ފަހަރަކު އޯޓީޕީއާއި ޕާސްވޯޑު ނުޖަހާ ޕޯޓަލްއަށްވަދެވޭނެ އިންތިޒާމު ހަމަޖެހިގެންދިޔުމާއެކު ޢާއްމުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ މޯބައިލް ފޯނު މެދުވެރިކޮށްވެސް އެޕުން ޚިދުމަތް ލިބޭނެއެވެ.

މިހާރުވެސް 137000 އަށްވުރެ ގިނަ މީހުން އީފާހަށް ރަޖިސްޓަރކޮށްފައިވާކަމަށް އެންސީއައިޓީއިން މަޢުލޫމާތުދެއެވެ. އަދި މިވަގުތުވެސް ޖޮބް ސެންޓަރާއި އެސްޑީއެފްސީއެފް ފަދަ މުހިއްމު ޚިދުމަތްތައް ވަނީ އީފާސްގެތެރެއިން ލިބޭނެ މަގުފަހިކޮށްދެއްވާފައެވެ. އީފާސްގެ ބޭނުނަމަކީ އެ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ކަށަވަރުކޮށްދީ، ލޮގް-އިން ކޮށްދިނުންކަމަށް އެން.ސީ.އައި.ޓީއިން ވިދާޅުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *